Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

ޕްރައިމަރީ ބާއްވާ ގޮތް އީސީ ބަލާކަށް ނުޖެހޭ: އަދާލަތު

އިލެކްޝަންސް ކޮމިޝަން - ފޮޓޯ: ރާއްޖެއެމްވީ

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ބާއްވާ ގޮތް ބެލުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ޒިންމާއެއް ނޫން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތުން މިހެން ވިދާޅުވެފައިވާއިރު ސިޔާސީ ޕާޓީތަކުން ޕްރައިމަރީއެއް ބާއްވާ ނަމަ އެކަމުގެ މައުލޫމާތު އީސީ އާ ހިއްސާކުރުމަށް އެ ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދާދިފަހުން އެންގުމާއި ގުޅިގެންނެވެ.

އަދާލަތު ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޤާނޫނު އަސާސީންނާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު އޮތް ގޮތުން ސިޔާސީ ޕާޓީތައް ރަޖިސްޓަރީކުރުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭ ގޮތުން އީސީ އާ ހަވާލުކުރެވިފައި އޮތީ ޤާނޫނުން ހަވާލުކުރާ ޒިންމާތައް އެކަނި ކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ބާއްވަނީ ސިޔާސީ ޕާޓީގެ ޤާނޫނާއި ސިޔާސީ ޕާޓީގެ ޤަވާއިދާ އަދި މި ނޫންވެސް ދިވެހިރާއްޖޭގައި ތަސްދީޤުކޮށްފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަކަށް ކަން ނުވަތަ ނޫންކަންވެސް ކަށަވަރުކުރުމަކީ އީސީ އަށް އެއްވެސް ޤާނޫނަކުން ޒިންމާކުރުވާފައިވާ ކަމެއް ނޫން ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ އެއްވެސް ޤާނޫނެއް ނުވަތަ ގަވާއިދެއްގައިވެސް ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ އިޚްތިޔާރު އެ ކޮމިޝަނަށް ލިބިދީފައިނުވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީގެ ނަތީޖާވެސް އީސީއާ ހިއްސާކުރުމަށް ލާޒިމުކޮށްފައިނުވާ ކަމަށެވެ.

އަދާލަތު ޕާޓީން ބުނީ ވަކި މުއްދަތެއް އަންގާ ޕްރައިމަރީ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ އެންގުމަކީ ޤާނޫނުތަކުގެ ބޭރުން އަންގާފައިވާ ޣައިރު ގާނޫނީ އެންގުމެއް ކަމަށް އެ ޕާޓީން ގަބޫލު ކުރާ ކަމަށެވެ. އެފަދަ އެންގުންތަކަކީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުގެ ނުކުތާތަކާއި ހިލާފު ކަމެއް ކަމުގައި ދެކޭ ކަމަށް އަދާލަތު ޕާޓީން ބުނެއެވެ.

އަދާލަތު ޕާޓީން އިތުރަށް ބުނީ މިއަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެގެން އަންނައިރު އިލެކްޝަންސް ކޮމިޝަނުން އެންމެ އެދެވޭ ގޮތެއްގައި އެ އިންތިހާބަށް ތައްޔާރުވެފައި ނުވާ ކަމަށެވެ. މީގެއިތުރުން އެ ޕާޓީން ވަނީ ރައްޔިތުންގެ އިތުބާރު އޮތް ކޮމިޝަނެއް އެކުލަވާލާ އާ ކޮމިޝަންގެ ދަށުން މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ގޮވާލާފައެވެ.