Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

މަތީ ތައުލީމު ހިލޭ ދޭނަން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްކޫލް ދަރިވަރުންތަކަކާއެކު - ފޮޓޯ: ޔާމީން ރަޝީދު (ޓްވިޓާ)

ދިވެހިރާއްޖޭގެ ޔުނިވަރސިޓީތަކުން މަތީ ތަޢުލީމަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނެ ގޮތަށް ތަޢުލީމީ ސިޔާސަތު ކަނޑައަޅާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ހުންނަވައިގެން މިއަދު ހަވީރު ފޭސްބުކް ލައިވް މެދުވެރިކޮށް ޒުވާނުންނާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޒުވާނުންނަށް މަތީ ތަޢުލީމު ޙާސިލްކުރުމަށް މާލީ ގޮތުން ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.

އަދި ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއްގައި ކިޔަވާނަމަ 3000 ރުފިޔާ ނުވަތަ 5000 ރުފިޔާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ރާއްޖޭގައި މަތީ ތަޢުލީމު ހިލޭ ލިބޭނެ ގޮތަށް ސިޔާސަތު ކަނޑައެޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އަދި ހަމަ އެއާއި އެކީގައި ހޯސްޓަލްއިން ޔުނިވާސިޓީއަށް ކުދިންނަން ދެވޭނެ ގޮތަށް އަޅުގަނޑުމެންގެ ސިޔާސަތުގައި އިރާދަކުރެއްވިއްޔާ، ކުރިއަށް މި އޮތް ރިޔާސީ އިންތިހާބަށް ފަހު އެކުލަވާލެވޭ ސަރުކާރުގެ ސިޔާސަތުގައި ހިމެނިގެންދާނެ"، ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަޒީރާ މެނިފެސްޓޯގައި ހިމެނޭ، "ނޫ އިޤްތިސާދުގެ ސިޔާސަތު" އަދި "މާކަނޑުގެ ބިޔަ ރާއްޖެ" ސިޔާސަތު އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.