Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ދެ ފަނޑިޔާރުންގެ އިސްތިއުނާފުގެ ދެވަނަ އަޑުއެހުން މާދަމާ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމް އިސްތިއުނާފްކުރި މައްސަލައިގެ ދެވަނަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.

އިސްތިއުނާފު މައްސަލަ ބައްލަވަނީ ހައިކޯޓުގެ އިސް ގާޒީ އަބްދުﷲ ދީދީ ރިޔާސަތުގައި އިންނަވާ ބެންޗަކުންނެވެ. ބެންޗްގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ސަމީރެވެ.

އުއްތަމަ ފަޑިޔާރު ޢަބްދުﷲ ސަޢީދާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ޖަލައްލުމަށް ޙުކުމް ކޮށްފައިވަނީ ޢަބްދުﷲ ސަޢީދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުރެ 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ފެބްރުވަރީ 5 ވަނަ ދުވަހާއި ހަމައަށް ދަށު ކޯޓުތަކުގައި ހިނގަމުންދާ ޝަރީޢަތްތަކާ ގުޅިގެން ނެރޭ އަމުރުތަކާއި ޙުކުމްތައް ވަކި ގޮތަކަށް ނިންމުމަށް ޤާޟީންނަށް އަންގާ އެކޯޓުތަކުގެ ޤާޟީންނަށް ރަސްމީ ހައިސިއްޔަތުންކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވާ މުއާސަލާތުކޮށްފައިވާތީއެވެ. އަދި ޢަލީ ޙަމީދު މުޙައްމަދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައި ހުރެ 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ފެބްރުވަރީ 05 ވަނަ ދުވަހާ ހަމައަށް ދަށު ކޯޓުތަކުގައި ހިންގަމުންދާ ޝަރީޢަތްތަކާއި ގުޅިގެން ނެރޭ އަމުރުތަކާއި ޙުކުމްތައް ވަކި ގޮތަކަށް ނިންމުމަށް ޤާޟީންނަށް އަންގައި، އެކޯޓުތަކުގެ ޤާޟީންނަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވާ މުއާސަލާތުކޮށްފައިވާތީއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވިއިރު، އެ އަޑުއެހުމުގައި ދެ ބޭފުޅުންގެ ފަރާތުން ވެސް ވަނީ އިސްތިއުނާފުކުރުމަށް 15 ނުކުތާއެއް ފާހަގަކުރައްވާފަ އެވެ. އެ އަޑުއެހުމުގައި އޭގެ ތެރެއިން ބައެއް ނުކުތާތައް ތަފްސީލްކޮށްފައިވެ އެވެ. މާދަމާ އޮންނަ އަޑުއެހުމުގައި އޮންނާނީ ބާކީ ހުރި ނުކުތާތައް ތަފްސީލްކުރުމާއި ދައުލަތުން ޖަވާބުދާރީވުމެވެ. ދެ ފަނޑިޔާރުންގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިންނެވެ.

ފަނޑިޔާރުންގެ ޤާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން ފަނޑިޔާރުންނަށް އިއްވާ ޙުކުމްތައް 10 ދުވަސް ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެއިރު، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. އަދި ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ އެވެ.

ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ވެސް އޮޓަމެޓިކުން ގެއްލޭނެ އެވެ.