ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-3 އިން ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގު ޖެހި ޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ގޮތުގައި ރެއާލް ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ.
މެޗުގެ ފުރަތަމަކޮޅު ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ލިވަޕޫލުން ވަނީ މަދު ހަމަލާތަކެއް ރެއާލް ކޮޅަށް އުފައްދާފައެވެ. ލިވަޕޫލް ގޭމަށް ބަދަލު ގެންނަން ޖެހުނީ 31 ވަނަ މިނެޓުގައި ފޯވާޑް މުހައްމަދު ސަލާހްއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރުމާ ހަމައިންނެވެ.
ނަމަވެސް ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިފައިވާއިރު ރެއާލުން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ނަގާފައެވެ. 51 ވަނަ މިނެޓުގައި ލިވަޕޫލް ކީޕަރު ކާރިއަސް ހެދި ގޯހެއްގެ ފައިދާ ނަގައިގެން މެޗުގެ ފުރަތަމަ ގޯލު ޖެހީ ކަރިމް ބެންޒީމާއެވެ.
ނަމަވެސް ލިވަޕޫލް ސަޑިއޯ މަނޭ ވަނީ 55 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. އިތުރު ލަނޑެއް ކާމިޔާބުކުރުމަށް ޒިނެދީން ޒިދާން ވަނީ ރެއާލް ޓީމުން އިސްކޯގެ ބަދަލުގައި ބޭލް ކުޅެން ނެރެފައެވެ. ނަތީޖާއެއްގެ ގޮތުން ބޭލް ވަނީ 64 ވަނަ މިނެޓުގައި ރީތި ގޯލަކާއެކު ރެއާލަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ.
ލިވަޕޫލްގެ ބަލި ފައި މައްޗަށް ފޮއެ ވެއްޓިގެން ދިޔައީ 83 ވަނަ މިނެޓުގައި ބޭލް ދުރުން ފޮނުވާލި ބާރު ބޯޅަ، ކީޕަރު ކާރިއަސްގެ އަތުގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެގެންނެވެ. ބޭލްގެ ދެވަނަ ގޯލާއެކު ލިވަޕޫލް ކުޅުންތެރިން މާޔޫސްވެ، މެޗު ރެއާލަށް ޔަގީން ވެގެން ދިޔައެވެ.
މިއީ ރެއާލް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. ޗެމްޕިއަންސް ލީގުގެ ނަމަށް މުބާރާތް ބަދަލުކުރި ފަހުން އެއްވެސް ޓީމަކަށް ޖެހިޖެހިގެން ދެފަހަރު ވެސް މުބާރާތް ކާމިޔާބު ކުރެވިފައި ނުވާއިރު، ޒިދާން ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް މިމުބާރާތް ކާމިާބުކޮށްފައެވެ. 2016 ވަނަ އަހަރު ރެއާލްގެ ކޯޗުކަމާ ޒިދާން ހަވާލުވި ފަހުން އޭނާގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ތިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށް، ތިން މުބާރާތް ވެސް ރެއާލް ވަނީ ކާމިޔާބުކޮށްފައެވެ.