މިސްރުގެ ފުޓްބޯޅަ ތަރި މުހައްމަދު ސަލާހުއަށް ރޭ ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ލިބުނު އަނިޔާ އާއި ގުޅިގެން ޖޫން 15 ގައި ފަށާ ވޯލްޑްކަޕްގައި ނުކުޅެވިދާނެ ބިރު ބޮޑުކަމަށާއި، ނަމަވެސް އުއްމީދަކީ އަނިޔާއިން ރިކަވާވެ ވޯލްޑްކަޕްގައި ކުޅުންކަމަށް މިސްރުގެ ފުޓްބޯޅަ އިދާރާއިން ބުނެފިއެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފްގެ 30 ވަނަ މިނިޓްގައި ރެއާލްގެ ޑިފެންޑަރ ސާޖިއޯ ރާމޯސް އާއި އެކު ވެއްޓި ސަލާހުގެ ކޮޑު ކަށިގަނޑަށް ވަނީ އަނިޔާވެފައެވެ. މި އަނިޔާގެ ސަބަބުން ސަލާހުވަނީ ދަނޑުން ބާލައި ފަރުވާދޭން ފަށާފައެވެ.
މިސްރު މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިކޮށްދިނުމުގައި ހުނަރުވެރި ކުޅުމެއް ދެއްކި ސަލާހުގެ އަނިޔާ އާއި ގުޅިގެން މިސްރުގެ ފުޓްބޯޅަ އިދާރާއިން ބުނީ ސަލާހުއަށް ލިބުނު ގެއްލުމުގެ ތަފްސީލް ހޯދަމުން އަންނަ ކަމަށާއި، ލިބުނު އަނިޔާ ކުރިން ހީކުރި ވަރަށް ވުރެ ކުޑަކަމަށެވެ.
އެގޮތުން ގައުމީ ޓީމުގެ ޑޮކްޓަރުން ލިވަޕޫލް ޓީމުގެ ޑޮކްޓަރުންނާއި ގުޅައި މައުލޫމާތު ހޯދަމުން އަންނަ އިރު މީގެ ކުރިން ބެލެވިފައިވަނީ ކޮޑު ކަޑިގަނޑުގައި ރެނދުލާފައިކަމަށެވެ. ނަމަވެސް ފަހުން ނެގި އެކްސްރޭއިން ދައްކާ ގޮތުގައި ކޮޑު ކަށިގަނޑުގައި ރެނދެއް ނެތްކަމަށެވެ.
މިސްރުގެ އެފްއޭއިން ބުނީ އިންޖަރީއަށް ބަލައި ފަހަރުގައި ސަލާހުއަށް ނުކުޅެވިދާނެކަމަށާއި، ނަމަވެސް އުއްމީދަކީ އަނިޔާއިން ރިކަވާވެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ކުޅެވުންކަމަށެވެ.