Last Updated: April 27, 09:46
Saturday, April 27, 2024
ރިޕޯޓް

ފޭދޫ ސްޕޯޓްސް ކޮމްޕްލެކްސް: ތަރައްޤީ ޔަގީން!

މިއީ އެމެރިކާ އިން ސީރިޔާގެ ޔަރުމޫކަށް ދިން ހަމަލާއެއްގައި ބިމާ ހަމަވެފައިވާ އިމާރާތެއް ނޫނެެވެ. އަދި މިއީ އަފްޢާނިސްތާނުގެ ކާބުލްގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި ބިމާ ހަމަވި އިމާރާތެއް ވެސް ނޫނެވެ. އަދި މިއީ އިންޑޮނޭޝިއާގެ ސްމަޓްރާއަށް ބިން ހެލުން އައިސް ވެއްޓި ބިމާއި ހަމަވެފައިވާ އިމާރާތެއް ވެސް ނޫނެވެ.

މިއީ ޔަގީން ވެފައިވާ ތަރައްޤީއެވެ. މިއީ ޒުވާނުންގެ މެނިފެސްޓޯއެވެ. މި ފެންނަނީ އެމެެނިފެންސްޓޯ ތަންފީޒުވެފައިވާ މަންޒަރެވެ.

ރައިސް އަބްދުﷲ ޔާމީންގެ ގަޓު ސަރުކާރުން ޒުވާނުންނަށް ފަހިކޮށްދެއްވަމުންދާ ފުރުސަތުތަކެވެ. ޕީޕީއެމްގެ ނައިބް ލީޑަރު ވިދާޅުވާ ލޮލަށް ނުފެންނަ ތަރައްޤީއެވެ. ރީކޯ މޫސާ މަނިކު ވިދާޅުވާހެން "އެއްލަކިން" އަޅައި ނިންމާފައިވާ ކުޅިވަރު އެރީނާއެކެވެ.

ހައުސިން މިނިސްޓްރަ ޑރ. މުއިއްޒު ވިދާޅުވާ އިދިކޮޅު ފަރާތްތަކަށް ހަޖަމް ނުވާ ތަރައްޤީއެވެ. ހަމަ އެއެމަނިކުފާން ވިދާޅުވާ ޓޯކިޔޯގެ ކުޅިވަރު އެރީނާއެވެ. އިކޮނޮމިކް މިނިސްޓަރ ސައިދު ވިދާޅުވާ ސިންގަޕޫރުގެ ކުޅިވަރު އެރީނާތައް ނިމިފައިވާ ގޮތުގެ މަންޒަރެވެ.

މެއި، 4، 2017 ގައި ފޭދޫ ކުޑަކުދިންގެ ޕާކްގެ ދެކުނުން ހިއްކި ބިމުގައި ގާއިމު ކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ އަަޅުއްވައި ދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހީމްދީދީ (އައިބީ) އެވެ.

ބިންގާ އެޅުމުގެ ކުރިން އިންޑޯ ކޮމްޕްލެކްސްގެ ކޮންޓްރެކްޓްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ ދައުލަތުގެ ބަޖެޓުން 4.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހޭދައެއްކޮށްގެން އަޅާ އިމާރާތަކެވެ.

ވިމްލާ ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްގެން ފެށި މަސައްކަތަށް މި މޭއި މަހުގެ 4 ވަނަ ދުވަހަށް 1 އަހަރުވީއެވެ. ފޮޓޯ ތަކުން ފެންނަން އެހެރީ އެއިމާރާތުގެ މިއަދުގެ ހާލަތެވެ.

ޔޫތު ކޯޑިނޭޓަރ މަސީހު ބުނީ މި މަސައްކަތް ނުނިމި ދިގުލައިގެން ދަނީ ކޮންޓްރެކްޓަރުގެ މައްސަލައިގެ ސަބަބުން ކަމަށެވެ. މަސީހު ބުނީ ސަރުކާރުގެ މައްސަލައެއް ނެތްކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއިމާރާތުގެ އަގުގެ އެއްްބައި ވަނީ ކޮންޓްރެކްޓަރަށްދީފައެވެ. އެހެންވެ މިހާރު އުޅެނީ މަސައްކަތް ކޮންޓްރެކްޓަރ އަތުން ނެގޭނެ ގޮތެއް ނެތިގެންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވާ އިރު މި ފެންނަ، ނުފެންނަ ތަރައްޤީ ޔަގީންކޮށްގެން ޒުވާނުން ތިބެންވީ ހެއްޔެވެ. ނޫނީ މިއީ ޒުވާނުންނަށް ހައްގު މިންވަރު ހެއްޔެވެ.