ޖެކީ ޗޭން އޭ ބުނުމުން ނޭނގޭ މީހަކު ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ. 1954 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ޗައިނާގެ ހޮންގކޮންގ އަށް އުފަންވި ޖެކީ ޗޭން އަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޤްބޫލު ސްޓާރެކެވެ.
ފިލްމް ތަކުގައި މާޝަލް އާޓްސްގެ މޮޅު ހުނަރުތަކުން ބެލުންތެރިންގެ ހިތްތައް ފަތަޙަ ކޮށްފައިވާ ޖެކީގެ ކޮންމެ ފިލްމަކީ ހިތްގައިމު ފިލްމެކެވެ. ހެއްވާ މަޖާ ގިނަ މަންޒަރުތަކެއް ދައްކުވައިދޭ އޭނާގެ ފިލްމްތަކަށް ސަޕޯޓް މިއަދު އޮހެމުން ދިޔަ ކަމުގައި ވިޔަސް އެއް އިރެއްގައި އޭނާ އަކީ ނާކާމިޔާބާއި އިންތިހާއަށް ކުރިމަތިލީ މީހެކެވެ.
ޖެކީގެ ބައްޕައަކީ ޖާސޫސްކޮށް އުޅުނު މީހެކެވެ. އަދި މަންމަ އަކީ މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކުރި މީހެކެވެ. އުމުރުން އެންމެ 6 އަހަރުގައި ޖެކީގެ މައިންބަފައިން އޭނާ ދޫކޮށްލިއެވެ. އޭނާ ވަނީ ބޯޑިންގ ސްކޫލަށް ކިޔަވަން ފޮނުވާފައެވެ. އެތަނުގައި އޭނާ ވަނީ މާޝަލް އާޓްސް، ޑްރާމާ، އެކްރޮބެޓިކްސް އަދި ލަވަ ކިޔަން ދަސްކޮށްފައެވެ.

އެންމެ ކުޑައިރުއްސުރެ ޖެކީއަކީނ ވަރަށް ޙަރަކާތްތެރި ކުއްޖެކެވެ. މުޅި ތަނުގައި ބޯޅައެއްހެން އެނބުރެމުން ދިޔައެވެ. އޭނާ އަށް ވަނަމަކަށް ކިޔާ އުޅުނީ "ޕޯވ ޕޯވ" އެެވެ. ޖެކީގެ ތަޢުލީމީ ޙަޔާތް އެހާ ކާމިޔާބެއް ނޫނެވެ. ޕްރައިމަރީގެ ފުރަތަމަ އަހަރު އޭނާ ވަނީ ފެއިލް ވެފައެވެ. އެތައް ފަހަރެއްގެ މަތިން އޭނާގެ ނަތީޖާ ގޯސްވުމުގެ ސަބަބުން އަނިޔާ އާއި އޭނާއަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.
އަމިއްލަ ނަފްސުގެ ދިފާޢުގައި ތެދުވާން ޖެކީ އަކީ ވަރަށް ޖެހިލުންވާ ކުއްޖެކެވެ. އެހެން ވުމުގެ ސަބަބުން އެހެން ކުދިންގެ ގަނާ ކުރުމާއި އޭނާއަށް ކުރިމަތިލާން ޖެހުނެވެ. " އެހެން ކުއްޖަކު އަހަރެންގެ ކުރިމަތީގައި ގަނާ ކުރެވުމުން އެކުއްޖާ ދިފާޢު ކުރަން އަހަރެން ތެދުވަންދެން އަހަރެން ވެސް ގަނާގެ ޝިކާރަ އަކަށްވި. އެ ކުއްޖާގެ ހައްގުގައި ތެދުވި ހިސާބުން އަހަންނަށް އަމިއްލަ ނަފްސު ދިފާޢު ކުރަން ދަސްވީ" ޖެކީ ބުންޏެވެ.
ގްރެޖުއޭޓް ވުމަށްފަހު ޖެކީ ވަނީ ކުރީގެ މަޝްހޫރު ތަރި ބްރޫސް ލީ ގެ ފިލްމް ތަކުގައި ސްޓަންޓް މޭން އެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އެ މަސައްކަތްތަކުގައި އޭނާއަށް ހައިރާންކަން ލިބުނެވެ. އެ މަސައްކަތާއި ނުހަނު ގަޔާ ވެވުނެވެ. ދާދި އަވަހަށް އޭނާ މީހުންގެ ތެރޭގައި ތަފާތު ސްޓަންޓް ކުރާ މީހެއްގެ ގޮތުގައި މަޝްހޫރު ވެގެން ދިޔައެވެ.

ބްރޫސް ލީ މަރުވުމަށްފަހު ޖެކީ ވަނީ ބައެއް ކަންގ ފޫ ފިލްމްތަކުން ފެނިގެން ގޮސްފައެވެ. އެހެން ނަމަވެސް ކޮންމެ ފިލްމެއްވެސް ވީ ނާކާމިޔާބު ފިލްމަކަށެވެ. އޭނާއަށް ބްރޫސް ލީގެ މާޝަލް އާޓްސްގެ ވައްޓަފާޅި ނަކަލު ކުރެވޭ ގޮތެއް ނުވެއެވެ. އެއަށްފަހު ބަލި ގަބޫލުކޮށް ހޮންގކޮންގ ދޫކޮށް އޮސްޓްރޭލިޔާގައި ކޮންސްޓްރަކްޝަން ދާއިރާގެ ވަޒީފާއެއް އަދާ ކުރުމަށް އޭނާ ދިޔައެވެ. އެހެނެއް ކަމަކު އޭނާ ދެކެމުން އައި ހުވަފެނަކަށް ފަނޑުވުމެއް ނާދެެއެވެ.
ޖެކީ ޗޭން އޭނާގެ ފިލްމީ ޙަޔާތަށް އެނބުރި އައީ ތަފާތު ސްޓައިލެއްގެ ފިލްމު ތަކަކާއި ގެންނެވެ. އެގޮތުން ހެއްވާ މަޖާ މަންޒަރު އެކުލެވޭ ގޮތަށް މާޝަލް އާޓްސް ދައްކުވައިދޭ ފިލްމްތައް އޭނާ ކުޅުނެވެ. އޭގެ 2 އަހަރު ފަހުން އޭނާ ވެގެން ދިޔައީ މުޅި އޭޝިޔާގައި ހުރި އެންމެ ބޮޑު އަގު ހުށަހެޅޭ އެކްޓަރަށެވެ.
އެހެން ނަމަވެސް އެ ކާމިޔާބުގައިވެސް އޭނާއަށް އުނދަގޫ ތަކާއި ކުރިމަތިލާން ޖެހުނެވެ. މީހުން ޖެކީއާއި ގާތްކަމަށް ހެދިގެން ތިބެ މިލިއަނުން ޑޮލަރު އޭނާގެ އަތުން ފޭރެމުން ދިޔައެވެ. އޭނާގެ ފައިސާގެ ދަހިވެތިކަމުގައި ތިބި ގޭންގު ތަކުން އަމިއްލަ ނަފްސު ދިފާޢު ކުރަން އޭނާ ޖެހުނީ ފިސްތޯލަ އަދި އަތުބޮން ފަދަ ތަކެތި އަތްމަތީގައި ގެންގުޅޭށެވެ.
ފުރަތަމަ ފިލްމަށްފަހު 34 އަހަރު ފަހުން ޖެކީގެ ފިލްމް "ރަންބްލް އިން ދަ ބްރޮންކްސް" ހޮލީވުޑްގެ ބޮޑު ކާމިޔާބީއެއް ހޯދިއެވެ. އެއީ އޭނާގެ އުމުރުން 42 އަހަރުގައެވެ. 50 އަހަރު ތެރޭގައި އޭނާ ވަނީ 100 އަށްވުރެ ގިނަ ފިލްމް އުފައްދާފައެވެ. ޖެކީ ޗޭންގެ ހަށިގަނޑުގެ ކޮންމެ ކަށިގަނޑެއް ވަނީ މަދުވެގެން އެއްފަހަރު ބިނދިފައެވެ.
އެންމެ ގިނަ ސްޓަންޓް ޖައްސާފައިވާ އެކްޓަރުގެ ރެކޯޑް އޭނާއަށް ވަނީ ލިބިފައެވެ. މި ކުޅަދާނަ އެކްޓަރަށް 7 ބަހުން ވާހަކަ ދައްކަން އެނގެއެވެ. އޭނާ އަކީ ޓްރެއިން ވެފައިވާ ލަވަކިޔުންތެރިއެކެވެ. އޭނާ ވަނީ 20 އަށްވުރެ ގިނަ އަލްބަމްތައް ނެރެފައެވެ. އޭނާ އެންމެ ބޮޑަށް ޖެހިލުން ވަނީ އިންޖެކްޝަން ޖެހުމަށާއި އާންމު ބައްދަލުވުން ތަކުގައި ވާހަކަ ދެއްކުމެވެ.