Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ޤާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް އަލީ ވަހީދު

އަލީ ވަހީދު ޖޭޕީއަށް ސޮއި ކުރެއްވުން - ފޮޓޯ: ޖޭޕީ

ރޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގަތް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު، އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ޤާސިމް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޤާސިމް ވިދާޅުވެފައި ވަނީ އަލީ ވަހީދު ޕޮލިޓިކަލް އެޑްވައިޒަރުކަމަށް ހަމަޖައްސަވާފައިވާކަމަށާއި އޭނާގެ ސަބަބުން ޕާޓީއަށް އިތުރު ބުންވަރާއި ޖޯޝެއް ގެނުވާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރާކަމަށެވެ.

އަދި އަލީ ވަހީދާއެކު ރޭ އެ ޕާޓީއާ ގުޅިވަޑައިގަތް އެހެން ބޭފުޅުންނަށް ވެސް ޤާސިމް މަރުހަބާ ދެންނެވި އެވެ.

އަލީ ވަހީދު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެން، އެޕާޓީއަށް ސޮއިކުރައްވާފައިވަނީ ރޭ ޖަރުމަނުވިލާތުގެ ފްރެންކްފާޓުގައި ބޭއްވެވި ޚާއްޞަ ޙަފްލާއެއްގައެވެ.

އެ ޙަފްލާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވެފައިވަނީ ވެރިކަން ހޯދުމަށް ކޯލިޝަން ނުހޭދޭނަމަ ނުހެދޭނީ އެމްޑީޕީއާއެކު ކަމަށް ވިދާޅުވެ، އެޕާޓީއަށް ހޫނު ރައްދެއް ދެއްވާފައެވެ. އެހެންނަމަވެސް، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިހުތިރާމް އޮތްކަމުގައިވިޔަސް ކާމިޔާބު ހޯދުމުގައި ތަފާތުތަކެއް ހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އަލީ ވަހީދުގެ އިތުރުން ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ލީގަލް ހެޑް އަދި މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޒާ ޚަނީފާ ޚާލިދު ވެސް ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.