އޭނާގެ ވެރިކަމެއްގައި މަތީ ތައުލީމަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މި އަހަރު ފަހުކޮޅު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާގެ ވެރިކަމެއްގައި މަތީ ތައުލީމުގެ ސިޔާސަތު ވީޑިއޯގެ ޒަރީއާ އިން ހާމަކުރައްވަމުން އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި، މަތީ ތައުލީމަށް ޚާއްސަ މިނިސްޓްރީއެއް އުފައްދައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަކީ ޤާނޫނަކުން ކަނޑައަޅާފައިވާ ވަކި މުއައްސަސާ އަކަށް ހަދާނެ ކަމަށެވެ.
އަދި ޝަރުތު ހަމަވާ އެއްވެސް ކުއްޖަކު، ފައިސާގެ ތަނަވަސްކަން ނެތިގެން މަތީ ތައުލީމުން މަހްރޫވިޔަ ނުދެއްވާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ރާއްޖޭގެ މަތީ ތައުލީމު ނިންމާ ކޮންމެ ދަރިވަރަކު ރާއްޖޭގައި ޚިދުމަތް ކުރުމަށް ޝަރުތުކޮށް، އޭނާގެ ވެރިކަމެއްގައި ސަރުކާރުން އެ ދަރިވަރަކު ސްޕޮންސާ ކުރާނެ ކަމަށެވެ.
މީގެ އިތުރުން މިހާރު މަތީ ތައުލީމަށް ކިޔަވަމުންދާ ދަރިވަރުންގެ ލޯނުތައް ވެސް މާފުކޮށްދީ، އެ ދަރިވަރުން ވެސް އެ ސްކީމްގައި ބައިވެރި ކުރެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަދި އޭނާގެ ސަރުކާރެއްގެ އަމާޒަކީ ސާނަވީ އާއި މަތީ ސާނަވީ ނިންމާ ކޮންމެ ދަރިވަރަކީ މަތީ ތައުލީމް ހާސިލް ކުރާނެ ދަރިވަރަކަށް ހެދުން ކަމަށާއި އަތޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށްޓަކައި ވަކިން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި ރާއްޖޭގައި ދީނީ އިލްމުވެރިން އިތުރު ކުރުމަށްޓަކައި ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދޭނެ އެވެ. މަތީ ތައުލީމް ދިނުމުގެ ޤާބިލްކަން ހުރި އަމިއްލަ ފަރާތްތަކަށް ބިން ހިލޭ ދޫކުރުމާއި އިމާރާތް ކުރުމަށާއި ވަސީލަތް ހޯދުމަށް ހިލޭ އެހީ ދިނުމާއި އިމާރާތް ކުރުމަށާއި ތަކެތި ހޯދުމަށް ލުއި ލޯނު ހޯދައި ދިނުމުގައި އޭނާގެ ސަރުކާރުން އެހީތެރިވާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"މުޅި ރާއްޖޭގައި، މަތީ ތައުލީމު ހާސިލް ކޮށްގެން ތިބި މީހުންގެ ނިސްބަތަކީ އާބާދީގެ 0.2 ޕަސެންޓް. މިއީ ކިޔަވާ ކުދިންގެ މައިންބަފައިން ވަރަށް ކަންބޮޑުވާނެ ކަމެއް. އަދި މިނިވަން ވިޔަފާރިއެއް ގާއިމް ކުރަމުންދާ، ތަރައްގީ ވެފައިވާ ޤައުމުތަކުގެ ކުރިމަތީގައި ލަދުގަންނަން ޖެހޭ ވަރުގެ ދަށް އަދަދެއް،" އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން، އުމަރު ވިދާޅުވީ ކޮންމެ އަހަރަކު އޯ ލެވެލް އިން ހޮވާލެވޭ ދެ ޖިންސުގެ 100 ކުދިން ރާއްޖެ އިން ބޭރަށް ފޮނުވުމާއި ރާއްޖެ އަށް ބޭނުންވާ ދާއިރާތަކުން ދުނިޔޭގެ އެންމެ މަތީ ޔުނިވަސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ހޯދައިދެވޭނެ ކަމަށެވެ.