Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ކާރިއަސް އަށް މަރުގެ އިންޒާރު، މައްސަލަ ބަލަނީ

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ލިވަޕޫލްގެ ލޮރިސް ކާރިއަސްއަށް ބަޔަކު މަރުގެ އިންޒާރު ދިން މައްސަލަ ލިވަޕޫލްގެ ފުލުހުން ބަލަން ފަށައިފިއެވެ.

ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރި ފޯރިގަދަ ފައިނަލް މެޗު 1-3 އިން ރެއާލް ކާމިޔާބުކުރިއިރު މެޗުގައި ރެއާލުގެ ފުރަތަމަ ގޯލާއި ފަހު ގޯލަކީ ލިވަޕޫލް ކާރިއަސްއަށް ހެދުނު ގޯހުގެ ސަބަބުން ވަން ދެ ގޯލެވެ. ފުރަތަމަ ގޯލު ދެވަނަ ހާފުގެ ކުރީކޮޅު ކާރިއަސް ކުޅުމުގެ ތެރެއަށް އެއްލާލީ ރަނގަޅަށް ބަލާ ނުލައެވެ.

ނަތީޖާއެއްގެ ގޮތުން ބޯޅަ ޖެހުނީ އެންމެ ކައިރީގައި ހުރި ރެއާލް ފޯވާޑް ކަރިމް ބެންޒީމާ ފައިގައެވެ. ބެންޒީމާ ފައި ދިއްކޮލައި ބޯޅަ ލިވަޕޫލްގެ ގޯލުގެ ތެރެއަށް ވައްދައިގެން ލީޑު ނެގިއިރު މެޗުގެ ފަހު ދިހަ މިނެޓު ތެރޭގައި ރެއާލްގެ ގެރެތް ބޭލް ދުރުން ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން ދިޔައީ ކާރިއަސް އަތުގައި ޖެހިފައެވެ.

އޭނާގެ ސަބަބުން އެ ދޯގޯލު ވަނުމުން، ލިވަޕޫލް ސަޕޯޓަރުން ވަނީ ކާރިއަސް އަށް ޓުވިޓާ މެދުވެރިކޮށް ހަޑިހުތުރު ބަހުން މުޚާތަބު ކޮށްފައެވެ. އަދި ކާރިއަސް އާއި އޭނާގެ އާއިލާ މަރާލާނެ ކަމަށް ބުނެ ބައެއް މީހުން ވަނީ އިންޒާރު ދީފައެވެ.

މިމައްސަލަ ކާރިއަސް ފުލުހުންނަށް ރިޕޯޓުކުރުމުން، މާސޭސައިޑް ފުލުސް އޮފީހުން ވަނީ މިފަދަ އިންޒާރުތަކަކީ ވަރަށް ސީރިއަސް ކޮށް ބަލާ މައްސަލަ ކަމަށާއި އިންޒާރު ދިން ފަރާތްތަކުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އުމުރުން 24 އަހަރުގެ ކާރިއަސް ވަނީ މެޗު ނިމިގެން ސަޕޯޓަރުންނަށް މައާފަށް އެދުމަށް ގޮސްފައެވެ. އަދި ޓުވިޓާ މެދުވެރިކޮށް ވެސް އޭނާ ވަނީ މެޗުން ބަލިވި ޒިންމާ ނަގައި، ސަޕޯޓަރުންނާ ކުލަބާއި ޓީމް މޭޓުންގެ ކިބައިން މައާފަށް އެދިފައެވެ.