ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދުއަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާޠިލް ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒައިދުގެ މައްސަލައެއް ބަލަމުންދާތީ އޭނާއަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ބާޠިލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ބަލަމުންދަނީ ކޮން މައްސަލައެއްކަން މިނިސްޓްރީން ނުބުނެއެވެ.
ދީނީ ދަރުސް ބެއްވުމަށް ސްކޫލްތައް ނުލިބޭތީ އެޑިއުކޭޝަން މިނިސްޓްރީގައި ތިއްބެވި ލާދީނީ ބޭފުޅުން ބޭރު ކުރަން ވެއްޖެކަމަށް ވިދާޅުވެ، ޝައިހް އަލީ ޒައިދުވަނީ ޓްވީޓު ކުރައްވާފައެވެ.
އަލީ ޒައިދުގެ ހުއްދަ ބާޠިލް ކުރިއިރު މިދިޔަ ރަމަޟާން މަހު އަލީ ޒައިދު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން އޭނާ ވަނީ މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
ޒައިދު ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ރަށެއްގެ ރައްޔިތުންގެ ތެރެއިނ 70 ޕަސެންޓް މީހުން ރަމަޟާން މަހު އާއްމު މަސްތަކުގައި އުޅޭހެން ކައިބޮއި ހަދާކަމަށާއި، އެރަށުގެ ބޮޑުބައެއް ރޯދަ ނުހިފާކަމަށެވެ. އެވާހަކަތައް އިސްލާމިކް މިނިސްޓްރީން ދޮގުކޮށް ޒައިދު އާއި ވަނީ ސުވާލުކޮށްފައެވެ.