Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

އައްޑޫ ނޭޗާ ޕާކްގައި ރެސްޓޯރަންޓެއް ހިންގަނީ

އައްޑޫ ނޭޗާ ޕާކްގެ ވިޒިޓާސް ސެންޓަރުގައި ރެސްޓޯރަންޓެއް ހިންގާނެ ބަޔަކު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން ބީލަމަށްފި އެވެ.

އައްޑޫ ނޭޗާ ޕާކަކީ ހިތަދޫ އީދިގަި ކުޅި އާއި ކޯއްޓޭ ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ އިކޯ ޓޫރިޒަމް ސަރަހައްދެވެ.

މިނިސްޓްރީން ބުނި ގޮތުގައި ނޭޗާ ޕާކްގައި ރެސްޓޯރަންޓް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ބީލަމުގައި ބައިވެރިވާން އަންނަ މަހުގެ ޖޫން 3 ވަނަ ދުވަހުގެ 12:00ގެ ކުރިން ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅު ކުރުމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށް ދޭނެ އެވެ. ބީލަން ފޮތް ސޮފްޓްކޮޕީ ފޯމެޓްގައި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު ހެނދުނު 11:00ގައި މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގަ އެވެ. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، މި މަހުގެ 31 ބުރާސްފަތި ދުވަހުގެ 2 :00ގެ ކުރިން އީ-މެއިލް ކުރަން ޖެހެ އެވެ. މެއިލަކީ cctf@environment.gov.mv އެވެ.

އައްޑޫ ނޭޗާ ޕާކް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ.

އައްޑޫ ނޭޗާ ޕާކަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔޫރަޕިއަން ޔުނިއަންގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީސީއޭޕީ) ގެ ބައެކެވެ.