ގަވަމެންޓް އީލެޓަރ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް)ގެ ޚިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކުރި ޙުކުމް ބާތިލު ކުރަން 12 ނުކުތާއެއް ހައި ކޯޓުގައި ފާހަގަކޮށްފިއެވެ.
މިއަދު ހައި ކޯޓުގައި ބޭއްވި އެ މައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު، ގާނޫނީ ވަކީލު ހިސާން ހުސައިން އާއި ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ބައިވެރިވެވަޑައިގެންނެވި އެވެ.
އެގޮތުން މިއަދުގެ އަޑުއެހުމުގައި އިސްތިއުނާފު ކުރި ސަބަބުތައް ހައި ކޯޓުގެ ޝަރީއަތަކަށް އިއްވައި ދެއްވީ ނޫރުއްސަލާމެވެ.
12 ނުކުތާއެއް ފާހަގަ ކުރެއްވުމަށްފަހު، ނޫރުއްސަލާމް އެދިވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ޙުކުމަކީ ބާތިލު ޙުކުމެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށެވެ.
އޭނާ ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ތަހުޤީޤު ހިންގާފައި ވަނީ ޣައިރު ގާނޫނީ ބަންދެއްގައި ބަހައްޓައިގެން ކަަމަށާއި މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށްފަހު، އެ ހާލަތު އުވާ ނުލަނީސް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުން ހިފަހައްޓާފައިވާ ހައްޤުތަކާއި ހަނިކޮށްފައިވާ ޤާނޫނުތަކުގެ ބާރު އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހިންގާފައިވާ ކަމަށެވެ.
އަދި ފަނޑިޔާރުން ހައްޔަރު ކުރެވޭނެ ގޮތް ފަނޑިޔާރުންގެ ޤާނޫނުގައި ބުނެފައި ވަނިކޮށް، އެ އުސޫލާ ޚިލާފަށް އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްގެން ތަހުޤީޤު ހިންގައި، ޝަރީއަތް ކުރިއަށް ގެންދިޔަ ކަމަށާއި އެ ޝަރީއަތްތަކަކީ ބާތިލު އިޖުރާއަތުތަކެއްގެ މައްޗަށް ހިންގި ޝަރީއަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ނޫރުއްސަލާމް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ދަށު ކޯޓުގައި ކުރިއަށް ގެންދިޔައީ ދެ ފަނޑިޔާރުން ކަމަށާއި ފަނޑިޔާރުން ބަދަލުކުރަންޖެހޭ އުސޫލާ ޚިލާފަށް ފަނޑިޔާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޖެމްސް މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނާ އުސޫލާ ޚިލާފަށް ކަމަށްވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.
މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ބުނެފައި ވަނީ މައްސަލައާ ގުޅޭ ލިޔުންތައް ސިއްރު ކުރުމަށް ކޯޓުން އަމުރު ނުކުރަނީސް ބައެއް ލިޔުންތައް ސިއްރުކޮށްފައިވާ ކަމަށާއި، އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށްކޮށްފައިވާ ކަމެއް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޤާނޫނީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި ސޮއިކޮށްފައި ވަނީ ޕީޖީ ނޫން ކަމަށާއި ޕީޖީއަށް ސޮއި ނުކުރެވޭ ހާލަތުގައި އެހެން މީހަކު ސޮއި ކުރާނަމަ، ޕީޖީގެ ހުއްދަ އޮވެގެން އެކަން ކުރިކަން އެނގެން ޖެހޭއިރު، ދައުވާ ފޯމުން އެކަން އެނގެން ނެތް ކަމަށެވެ.
ޖެމްސްގެ ޚިދުމަތް ސުޕްރީމް ކޯޓުން މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އުއްތަމަ ފަނޑިޔާރު އެންގެވިކަން ހެކިންގެ ހެކި ބަހުން އެކަށީގެންވާ ވަރަށް ސާބިތުވެ، އުއްތަމަ ފަނޑިޔާރު ޖަލަށްލުމަށް ދަށު ކޯޓުން ހުކުމް ކުރުމާއި ގުޅޭ ގޮތުން ނޫރުއްސަލާމް ވިދާޅުވީ ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ހެކިބަސް ދެއްވީ އެންމެ މީހެއް ކަމަށާއި އެންމެ މީހެއްގެ ހެކިބަހަށް ބަލައިގެން ހުކުމް ނުކުރެވޭނެ ކަމަށެވެ. އަދި ހެކިބަސް ދިން މީހާއަކީ އަންހެނެއް ކަމެއް އަދި ފިރިހެނެއް ކަމެއް ވެސް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ ފަރާތުން ހުށަހެޅި ފަސް ދިފާޢީ ހެކިންގެ ތެރެއިން ހަތަރު ހެކިން ކޯޓަށް ހާޒިރުކޮށްފައި ނުވާތީ އެކަން ވެސް ނޫރުއްސަލާމް ވަނީ ކޯޓުގައި ފާހަގަ ކުރައްވާފައެވެ.
ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ފާތުމަތު ޔުމްނާ އާއި ޑިވިޝަން ހެޑު، އާތިކާ އިބްރާހިމް ހެކިބަސް ދެއްވަން ކްރިމިނަލް ކޯޓަށް ވަޑައިނުގެންނެވި ސަބަބާ ގުޅޭ ގޮތުން ވެސް ދިފާއީ ވަކީލު ސުވާލު އުފައްދަވާފައިވާއިރު، ނޫރުއްސަލާމް ވިދާޅުވީ އެކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރި ކަމަށެވެ.
އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ފާހަގަ ކުރަން ބޭނުންވާ ނުކުތާތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދެވޭނެއެވެ.
ޖެމްސް މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ބައްލަވަނީ ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދާއި ފަނޑިޔާރު ހަސަން އަލީއެވެ.