Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

"ސުޕްރީމް ކޯޓްގެ ފޯނުން އަލީ ހަމީދު ފައިސާ ފޮނުވި"

ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ކޯޓަށް ހާޒިރު ކުރަނީ - ފޮޓޯ: ރާއްޖެއެމްވީ (މުހައްމަދު ޝަރުހާން)

ސުޕްރީމް ކޯޓުގެ މޯބައިލް ފޯނަކުން ފަނޑިޔާރު އަލީ ހަމީދު އޭނާގެ ދެ ދަރިންނަށް ފައިސާ ފޮނުވި ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުންކުރި ކަމުގެ ދައުވާ މިއަދު ޝަރީއަތުގެ މަޖިލީހަށް އިއްވަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް އެކި ފަހަރު މަތިން އަލީ ހަމީދު ސުޕްރީމް ކޯޓުގެ ފޯނެއް މެދުވެރިކޮށް އޭނާގެ ދެ ދަރިންނަށް ޖުމްލަ 2200 ރުފިޔާ ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލާގައި އިތުރަށް ކުރިއަށްދިޔުމަށްޓަކައި ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތަކަށް އަލީ ހަމީދު އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ ވަކީލަކު ހަމަޖެއްސުމަށް އަލީ ހަމީދަށް 10 ދުވަސް ދެއްވާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ 2016 ވަނަ އަހަރު އަލީ ހަމީދުގެ އެ މައްސަލަ ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައެވެ.

ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރަށް ވުރެން ގިނަ ނޫން މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރާނެއެވެ.

މީގެ އިތުރުން ވެސް ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރިވިކަން ސާބިތުވެ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހުކުމް އަލީ ހަމީދުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި އަލީ ހަމީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައެވެ.