Last Updated: April 25, 21:20
Thursday, April 25, 2024
ރިޕޯޓް

ކެޔޮނިރު ކޮލަމް: މިއީ ސިޔާސީ ވާހަކައެއް ނޫނެވެ!

އައްޑޫ ލިންކް ރޯޑް. ފޮޓޯ: ނަޖް

މާލޭގެ ބައެއް މީހުން ގަބޫލް ކުރަމުންއައި ގޮތުގައި އައްޑޫ މީހުންނަކީ ސިހުރު ހަދާ، މީހުން މަރާ، ވައްކަން ކުރާ، ނުބައި ބައެކެވެ.

އައްޑޫ މީހުންނާއި މެދު ޒަމާނުއްސުރެ ބައެއް މީހުން ދެކެމުން އައިގޮތް މަޑުން ނަމަވެސް ބަދަލުވާންފެށީ 1972 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވުމުން ރިސޯޓުތަކުގެ ވަޒީފާތަކަށް ގިނަ އަދަދެއްގެ އައްޑޫ މީހުން ގޮސް މަސައްކަތް ފެށި ހިސާބުންނެވެ.

އައްޑޫ އަތޮޅު ގަމުގައި، އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ހަދައިގެން ތިބި ތިބުމުގައި ރާއްޖޭގެ އެހެން އަތޮޅުތަކުގެ މީހުންނަށްވުރެ އައްޑޫ މީހުން ދުނިޔެއަށް ލޯހުޅުވި، އިނގިރޭސި ބަހަށް ފަރިތަވުމުން ރިސޯޓުތަކުގައި ވަޒީފާ ލިބުމުގެ ފުރުސަތު ބޮޑުވެގެން ދިޔައެވެ.

އެހައި ހިސާބުން ފެށިގެން މާލޭގެ ޓެކްސީތަކުގެ ޑްރައިަވރުންގެ ގޮތުގައިވެސް ގިނައިން ފެންނަން ފެށީ އައްޑޫ މީހުންނެވެ. މާލޭގެ ފިހާރަތައް ހިންގާ ވިޔަފާރިވެރިންނާއި، ރިސޯޓު މެނޭޖަރުންނާއި، ރިސޯޓު ހިންގާ ވެރިންނާއި، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ފެށިގެން ގޮސް މަޖޫރީންނަށް ބެއްޔަސް، މާލެ މާލެއަށް ހެދީ އައްޑޫ މީހުންގެ ގުދާރު ބިންދައިގެން ކުރި ބުރަ މަސައްކަތުންނޭ ބުނުމަކީ ދޮގެއް ނޫނެވެ. މިހުރިހާ ދާއިރާއެއްގައިވެސް އައްޑޫ މީހުންގެ ދައުރު ވަރަށް ބޮޑެވެ.

އިނގިރޭސިންގެ މެޑިކަލް ޓީމް އަދި އެޓީމުގައި ހިމެނޭ އައްޑޫ މީހުން

އަދި އަދަށްވެސް ރާއްޖޭގެ އެހެން އަތޮޅުތަކުގެ މީހުން ގަބޫލް ކުރާ ގޮތުގައި، ރާއްޖެތެރެއަށް ބަލާއިރު ސަރުކާރުން އެންމެ ގިނަ ކަންތައްތައް ކޮށްދެނީ އައްޑޫ އަތޮޅަށެވެ. ނަމަވެސް މީހުން ދެކޭ ގޮތާއި، ހަގީގަތާއި ވަރަށް ތަފާތެވެ.

1941 އިން 1976 އަށް އިނގިރޭސި ސިފައިން އައްޑޫ އަތޮޅު ގަމުގައި ހިންގި އަސްކަރީ މަރުކަޒު ދޫކޮށްލުމަށްފަހު، 1976 ގައި އައްޑޫ ދޫކޮށް އިނގިރޭސިން ދިޔައިރު ބައިނަލްއަގްވާމީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް ގަމުގައި ހުއްޓެވެ. ބައިނަލްއަގްވާމީ ފްލައިޓްތައް ޖައްސާ އިންޓަނޭޝަނަލް އެއާޕޯޓެއް އިނގިރޭސިން ގަމުގައި ހަދާފައި އޮތެވެ.

ބޮޑެތި އާގު ބޯޓަށް އެލޯންގުސައިޑު ކުރެވޭ ވަރުގެ ބަނދަރެއް ގަމުގައި އޮތެވެ. ރަނގަޅު ފެންވަރެއްގެ ސިނަމާއެއް ގަމުގައި ހުއްޓެވެ. ގަމުގެ ހުރިހާ މަގެއްގައި ތާރުއަޅައި، އަލިފާން ނިއްވާނެ ފުރިހަމަ ނިޒާމެއް ގާއިމްކޮށްފައި އޮތެވެ.

ގެސްޓު ހައުސްގެ ގޮތުގައި ހިންގިދާނެ ފެންވަރުގެ އެތައް ސަތޭކަ ކޮޓަރި ބަރިތައް ގަމުގައި ހަދާފައި ހުއްޓެވެ. އައްޑޫ އަތޮޅު ހިތަދޫން ފެށިގެން ފޭދޫ، އަދި ގަމާއި ހަމައަށް ފާލަން އަޅައިގެން ރަށްތައް އޮތީ ގުޅާލާފައެވެ. ހިތަދޫ އާރްއޭއެފް ސަރަހައްދުގައި ކުޑަ ސިޓީއެއް ގާއިމް ކުރެވޭ ވަރަށް އިމާރާތްތަކާއި، އިންޖީނުގެތަކާއި، ފުޓްބޯޅަ ދަނޑު ފަދަ ތަންތަން އިނގިރޭސިން ހަދާފައި ހުއްޓެވެ. ހިތަދޫ އާއި ގަމާއި ދެމެދު ބަހުގެ ހިދްމަތް އޮތެވެ.

ނަމަވެސް އިނގިރޭސިން އައްޑޫ ދޫކޮށް ފޭބުމާއި އެކު އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުން ގަމާއި، އާރްއޭއެފް ލޫޓުވާލީ އޭ ދެންނެވިއަސް ދޮގަކަށް ނުވާނެއެވެ. އެއޮތް ފުރިހަމަ ހޮސްޕިޓަލުގެ މެޝިންތައްވެސް މާލެ ގެނެސް، ބޭނުންކުރަން ނޭގުމުން ބައެއް މެޝިން ބާދަގަޑުގެ ގޮތުގައި ނީލަން ކިޔައި، އިމާރާތްތައް ރޫޅާލައި، ދޮރާއި ފާޙާނާ ތަށި ފަދަ ތަކެތި މާލެ ގެންގޮސް ނީލަން ކިޔެވެ.

އިނގިރޭސިން ދޫކޮށްފައި ދިޔަ "ސިޓީ" ނާސިރުގެ ސަރުކާރުން ފަގީރު އަވަށަކަށް ބަދަލުކޮށްލިއެވެ. ގަމުގެ އެއާޕޯޓުވެސް ރޫޅައި، އާދައިގެ ފެންވަރުގެ ތަނަކަށް ބަދަލުކޮށްލިއެވެ. ބަސް ތަކާއި ލޯންޗު ފަދަ ތަކެތި މާލެ ގެންދިޔައެވެ.

އިނގިރޭސިން ދޫކޮށްފައި ދިޔަ ޖަވާހިރެއް ފަދަ ބިންގަލުގެ މަތީގައި ރާއްޖޭގެ ދެކުނުގައި ވަރުގަދަ ސިޓީއެއް ބިނާ ކުރަން ލިބުނު ފުރުސަތު ގަސްދުގައި ނަގާލައި، އެ ބިންގާ ފުނޑު ފުނޑުކޮށް، އައްޑޫ އަތޮޅު ނިކަމެތިކޮށް، ރައްޔިތުން ސަލާން ޖަހަން ޖެހޭ ފަދަ ހާލަތަކަށް ބިކަ ކޮށްލިއެވެ. އައްޑޫ އަތޮޅު ރައްޔިތުންނަށް "މާލެ ސަރުކާރުން" ކޮށްދިން ކަމަކީ މިއީއެވެ.

ދިވެހި ސަރުކާރުން ނަންބޯޑު ބަދަލުކޮށްގެން މިހާރު ހިންގާ " ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ" އިނގިރޭސީން ދޫކޮށްފައި ދިޔަތަން ވީރާނާ ކޮށްލުމަށްފަހު ކުދި މަރާމާތުކޮށްގެން މިހާރު ނަމަކަށް ހިންގާ "އިންޓަނޭޝަނަލް" އެއާޕޯޓެކެވެ.

ގަމުގެ ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓަލް ސުންނާފަތިކޮށްލުމަށްފަހު ޔުނިސެޕްގެ ހިލޭ އެހީގައި ދިވެހި ސަރުކާރުން ބިނާކޮށް 1984 ގައި ހުޅުވި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ ހުޅުވިތާ 34 އަހަރުވީ އިރުވެސް ނުކުޅެދޭ ފެންވަރު ދަށް ތަނެކެވެ. އެއީ އާދައިގެ ކްލިނިކެއް ކަހަލަ ތަނެކެވެ.

ނަޝީދުގެ އެމްޑީޕީ ސަރުކާރުން އައްޑޫ އަތޮޅު ހިތަދޫގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އިމާރާތްކުރީތީ، އޭގެ ފަހުން އައި ދެ ސަރުކާރުންވެސް ވަނީ ކޮންވެންޝަން ސެންޓަރަށް ގަސްދުގައި އިހްމާލުވެ، އެތަން ވީރާނާކޮށް، އެންމެ ފަހުން ހޮސްޕިޓަލަކަށް ހެދުމަށޭ ކިޔާފައި، އެތަނުގެ އެތައް ބައެއް ތަޅާލައި، ބަދަލުކޮށްފައެވެ.

ސޯޅަ ކިލޯ މީޓަރު ދިގު މިނުގައި އައްޑޫ ހިތަދޫން ގަމަށް އެޅި "ލިންކު ރޯޑު" އަކީ އެތައް މިލިއަން ޑޮލަރުގެ ބޭރު އެހީގައި ބިނާ ކުރި މަގެކެވެ. ނަމަވެސް ލޯނު ނެގިއިރު މަޝްރޫއު އޮތްގޮތް ފަހުން ބަދަލުކޮށް، ތާރު ފަށަލަ ވަރަށް ބޮޑަށް ތުނިކޮށް، އާދައިގެ ގޮތަކަށް ލިންކު ރޯޑު ހެދީ އެކަމުގައި ޝާމިލްވީ ބައެއް ފަރާތްތަކަށް ކަރަޕްޝަންގެ "ކަޓް" ލިބޭ ގޮތަށް ކަން ގިނަ ބަޔަކު ގަބޫލްކުރެއެވެ.

މިއަދު ލިންކު ރޯޑުގެ ތާރުގަނޑުގެ ގިނަ ތަންތަނުން ގިރި، ވަޅުގަނޑުތައް ހެދި، ނުރައްކާތެރި ދަރަޖައަކަށް އެމަގުގެ ފެންވަރު ދަށްވެެފައިވާއިރު އެއީވެސް އައްޑޫ މީހުން ޝުކުރުވެރިކަމާއި އެކު މާލެ ސަރުކާރަށް ކުރުނީސް ކުރަންޖެހޭ ފަދަ ތަރައްޤީގެ މަޝްރޫއެއްކަމަށް ބަޔަކު ދެކުނަސް އެއީ ބައެއްގެ އިހްމާލުން ހިންގާފައިވާ އެތައް މިލިއަން ޑޮލަރުގެ ޖަރީމާއެއް ނޫން އެހެން އެއްޗެއް ނޫނެވެ.

އެތައް މިލިއަން ޑޮލަރުގެ ބޭރު އެހީގައި ހިތަދޫގައި ހަދާފައިވާ ޕޯޓް ނުވަތަ ބަނދަރަކީ ވަކި މޫސުމެއްގައި ބޯޓު ފަހަރު ކައިރިކުރަން ނުރައްކާތެރި، މާލީ ގޮތުން ދެކޮޅު ނުޖެހޭ، ގެއްލުމުގައި ހިންގާ، އަތޮޅަށް ނިސްބަތުން މާބޮޑު ފައިދާއެއް ނުލިބޭ ތަނެކެވެ.

ފެނާއި، ނަރުދަމާއޭ، ބައިނަލްއަގްވާމީ އެއާޕޯޓޭ ކިޔައިގެން އައްޑޫ ރައްޔިތުންނަށް ސިޔާސީ ހުވަފެން ދެއްކުމަކީ ޒަމާނުއްސުރެ މާލެ ސަރުކާރުން ކުޅެމުން އައި ކުޅިވަރެކެވެ.

އައްޑޫ އަތޮޅު ވިލިނގިލީގައި ހުޅުވުނީވެސް އެހުވަފެން ދައްކާތާ ވިހި އަހަރުވީ ފަހުންނެވެ. މިއީ އައްޑޫ އަތޮޅުގެ ތަރައްޤީގެ ބަރަވެލި ދުވެއްޔެވެ.

އައްޑޫ އަތޮޅުގައި ހަގީގީ ބައިނަލް އަގްވާމީ ވައިގެ ބަނދަރެއް ހުޅުވި ސީ ޕްލޭން ބޭސްއެއް އެތާގައި ހެދި، ސީ ޕްލޭން ނެޓްވޯކަކުން ހުވަދޫ އަތޮޅު ރިސޯޓުތަކާއި ގުޅާލައި، އައްޑޫ ހިތަދޫ ފުއްޓަރު ފަރާތާއި، މާހެރަ ފަދަ ސަރަހައްދުތަކުގައި ގެސްޓް ހައުސް ހަދައި، ހަންކެޑެ ގައި ސިޓީ ހޮޓެލެއް ހަދައި، ގަމުގައި ސިޓީ ހޮޓަލެއް ހަދައި، ލިންކު ރޯޑުގައި އިތުރު ތާރު ފަށަލައެއް އަޅައި، އަޕްގްރޭޑްކޮށް، ކޮންވެންޝަން ސެންޓަރުގައި މިހާރު ހަދާ ހޮސްޕިޓަލް ބައިނަލް އަގްވާމީ ފެންވަރަށް ތަރައްޤީކޮށް، ކަޑިހެރަ ފަދަ ރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްޤީކޮށް، ގަމުގައި ޔޮޓް މެރީނާއެއް ހަދައި، އައްޑޫ ހިތަދޫ ފުޓްބޯޅަ ސްޓޭޑިއަމް ތަރައްޤީކޮށް، ހިތަދޫ އާއި މާހެރަ އާއި ދެމެދު އިތުރަށް ބިން ހިއްކައި، މުޅި އަތޮޅު އިތުރަށް ތަރައްޤީ ކުރުމަކީ އަތޮޅު ރައްޔިތުންގެ ހުވަފެނެވެ.

މި ހުވަފެނުގައި ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބިލާހެއް ފަދަ ކުލަ ޖައްސާ ހެދުމަކީ މާލޭ ސަރުކާރުގެ އާދައެވެ.
އައްޑޫ އަތޮޅަށް ހަގީގީ ތަރައްޤީ ގެނެސްދޭނެ ފަދަ ރައީސެއް ނުވަތަ އެފަދަ ސަރުކާރެއް 2018 ވަނަ އަހަރުގެ އިންތިހާބަށްފަހު ފެނިގެން ދިއުމަކީ އައްޑޫ ރައްޔިތުންގެ ހުވަފެނެވެ.

އައްޑޫ ސިޓީ ތަރައްޤީވެ، ކުރިއަށް ދިއުމަކީ ދިވެހި ސަރުކާރަށް އިތުރަށް އާމްދަނީ ލިބި މުޅި ގައުމަށްވެސް ލިބޭނެ ކުރިއެރުމެކެވެ.

އިނގިރޭސިން ދޫކޮށްފައި ދިޔަ ބިނގަލުގެ ހެޔޮ އަސަރު އަދިވެސް މުޅިން ކެޑިނުގޮސް އެބަހުއްޓެވެ. އޭގެ މައްޗަށް ބިނާކޮށް އާއްމުކޮށް ހުރިހާ ދިވެހިން ފަހުރުވެރިވާ، އަދި ހާއްސަކޮށް އައްޑޫ ރައްޔިތުން ފަހުރުވެރިވާނެފަދަ "އައްޑޫ ސިޓީ" އެއް 2018 ގެ ފަހުން ފެނިގެންދާނެކަމަށް މިއަތޮޅު މީހުން އުއްމީދު ކުރެއެވެ.

މިއީ ސިޔާސީ ވާހަކައެއް ނޫނެވެ. މިއީ ގައުމީ ވާހަކައެކެވެ. އަތޮޅާއި މެދު ހެޔޮއެދޭ އެދުމުގެ ވާހަކައެވެ.