މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އޭޓީއެމް މެޝިނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަހައްޓައި ހިދްމަތް ދޭން ފަށައިފިއެވެ.
އިންޓަނޭޝަނަލް އެރަވައިލް ގޭޓު ކައިރީ ހުންނަ އުރީދޫ ފިހާރަ ކައިރީގައި ބެހެއްޓި އޭޓީއެމް ހުޅުއްވައި ދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އަދި އެމްއައިބީގެ އެކްޓިން ސީއީއޯ އަހުމަދު ރިޒާ އެވެ.
އެމްއައިބީން ބުނީ މިއަދު އެއާޕޯޓުގައި ހުޅުވި އޭޓީއެމް މެޝިންގެ ސަބަބުން އެ ބޭންކުގެ ހިދްމަތް ހޯދާ ކަސްޓަމަރުންނަށް ލުއި ފަސޭހަ ތަކެއް ލިބިގެންދާނެކަމަށެވެ.
2011 ވަނަ އަހަރު ރާއްޖޭގައި ހުޅުވި ފުރަތަމަ އިސްލާމިކް ބޭންކުން އަންނަނީ އެ ބޭންކުގެ ހިދްމަތް ފުޅާ ކުރަމުންނެވެ. އެގޮތުން މާލެ ފިޔަވައި، ސ. ހިތަދޫ، ޏ. ފުވައްމުލައް، ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުށީގެ އިތުރުން ހުޅުމާލޭގައި ވަނީ ބްރާންޗުތައް ހުޅުވާފައެވެ. އަދި މި ރަށްތަކުގައި އޭޓީއެމް ހިދްމަތް ތަކާއި، ޕޮއިންޓް އޮފް ސޭލްސް (ޕޮސް) މެޝިންގެ ހިދްމަތް ތައް ދަނީ ފޯރުކޮށްދެމުންނެވެ.
އެމްއައިބީން ވަނީ ދާދި ފަހުން މޮބައިލް ބޭންކިން އެޕްގެ ހިދްމަތް ފޯރުކޮށްދޭން ފަށާފައެވެ.