ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ޢަދުލު އިންސާފު ޤާއިމް ކުރުމަށް ހުރަސްއެޅުމުގެ ދަޢުވާގެ އަޑުއެހުމެއް މިރެއަށް ކްރިމިނަލް ކޯޓްގައި ތާވަލް ކޮށްފިއެވެ. މި މައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ މިރޭ 21:30 އަށެވެ.
މީގެ ކުރިންވެސް މިމައްސަލައިގެ އަޑުއެހުންތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މައުމޫންގެ އިތުރުން މިމައްސަލައިގެ ދަޢުވާ ކުރާ އިތުރު ދެ ފަރާތް ކަމަށްވާ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ފަނޑިޔާރު ޢަލީ ޙަމީދުގެ ޝަރީޢަތުގެ އަޑުއެހުން ވެސް ވަނީ މިރޭގެ ހަމަ އެގަޑިޔަށް ތާވަލްކޮށްފައެވެ.
ރައީސް މައުމޫންގެ މައްޗަށް ކުރާ ދަޢުވާއެއްގެ އަޑުއެހުމެއްް އިއްޔެ ވަނީ ކްރިމިނަލް ކޯޓްގައި ބާއްވާފައެވެ. އިއްޔެ ބޭއްވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމުގެ ދަޢުވާއެވެ.
ރައީސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުނު ކަމުގެ ދަޢުވާގެ އިއްޔެގެ އަޑުއެހުމުގައި ބަންދަށް ލުޔެއް ދެވެން ނެތްކަމަށް ގާޒީ ހައިލަމް ވަނީ ނިންމަވާފައެވެ. މިކަމުގައި ގާޒީ ވިދާޅުވެފައިވަނީ ރައީސް މައުމޫންގެ ބަންދަށް ލުޔެއް ދޭންޖެހޭ ސަބަބެއް ދިފާޢީ ވަކީލުންނަށް ދެއްކިފައި ނުވާ ކަމަށެވެ.
ޓެރަރިޒަމްގެ ދަޢުވާގެ އިތުރުން އެމަނިކުފާނުގެ މައްޗަށްވަނީ އިތުރު އެތައް ދަޢުވާއެއް އުފުލާފައެވެ. އޭގެ ތެރޭގައި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ދަޢުވާއާއި ރިޝްވަތުގެ ދަޢުވާ ހިމެނެއެވެ. މީގެ އިތުރުންވެސް ދަޢުވާތައް އުފުލާފައިވާ ރައީސް މައޫމޫންގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރު ކޮށްފައެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ(ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެކެވެ.