ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ އަރްޖުން ރާމްޕާލް އަދި އޭނާގެ އަނބިމީހާ މެހެރް ރާމްޕާލް 20 އަހަރު އެކުގައި އުޅުމަށްފަހު ވަކިވާން ނިންމައިފިއެވެ.
ވަރަށް ގުޅުން ބަދަހި ޖޯޑެއް ގޮތުގައި ފެނިގެންދިޔަ މި ދެމަފިރިން ވަކިވާން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. ދެމީހުން އެއްބަސް ވެގެން އެގޮތަށް ނިންމާފައިވާ ކަމަށް ދެމީހުން ވެސް މީޑިއާއަށް ދީފައިވާ ސްޓޭޓްމަންޓްގައި ބުނެފައިވެއެވެ. ދެމީހުން ވަކިވާން ޖެހުނު ސަބަބު ބަޔާން ކޮށްފައިނުވި ނަމަވެސް އެ ދެމަފިރިންގެ މަންޒިލް ވަކިވެއްޖެ ކަމަށް ދޭހަވާ ޢިބާރާތުން ވަނީ ވާހަކަ ދައްކާފައެވެ.

ދެމީހުންގެ ދިރިއުޅުން ދެ މިސްރާބަކަށް ދިޔަ ކަމުގައި ވިޔަސް ކުދިންނަށްޓަކާ އަބަދުވެސް އެކުގައިވާނެ ކަމަށް ދެމީހުންވެސް ވަނީ ބުނެފައެވެ. އަރުޖުން އަދި މެހެރް އަށް ދެ ކުދިން ލިބިފައިވެއެވެ. 16 އަހަރުގެ މަހިކާ އަދި 13 އަހަރުގެ މައިރާ އަށް މިއީ އުފާވެރި ޚަބަރަކަށް ނުވާނެއެވެ.
ފިލްމް" ދިލް ހޭ ތުމާރާ"، "ރާ ވަން"، "ދިލްކާ ރިޝްތާ" ފަދަ ހިތްގައިމު އެތައް ފިލްމްތައް ކުޅެފައިވާ އަރްޖުން ރާމްޕާލްގެ މި ނިންމުމަކީ ސަޕޯޓަރުންނަށް ބަލައިގަންނަން ފަސޭހަ ނިންމުމެއް ކަމަކަށް ނުވާނެއެވެ.