Last Updated: June 11, 22:21
Thursday, June 11, 2026
ކުޅިވަރު

ފަބީނިއޯ ލިވަޕޫލަށް ސޮއިކޮށްފި

ފްރާންސުގެ އޭއެސް މޮނަކޯއަށް ކުޅެމުން އައި ފަބީނިއޯ އިނގިރޭސިވިލާތުގެ ލިވަޕޫލަށް ސޮއިކޮށްފިއެވެ.

ފަބީނިއޯ ކުލަބާއި ގުޅިފައިވާ ކަން ލިވަޕޫލް އަދި މޮނަކޯވެސް ކަށަވަރުކޮށްދީފައިވާއިރު އޭނާ ލިވަޕޫލަށް ގެންގޮސްފައިވަނީ 39 މިލިއަން ޕައުންޑުގެ އަގަަކަށެވެ.

ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލުން ފެނިފައިވާ ފަބީނިއޯ ލިވަޕޫލާ ގުޅުމާއެކު އެޓީމުގެ ޖަރުމަނު ވިލާތުގެ މިޑްފީލްޑަރ، އެމްރޭ ޗަން ކުލަބު ދޫކޮށް ދާނެ ކަމަށް ބެލެވެއެވެ. ޗަންގެ ކޮންޓްރެކްޓު ހަމަވެފައިވާއިރު އޭނާ ދެން ގުޅޭނީ ޔުވެންޓަސްއާ ކަމަށް ޚަބަރު ލިބެއެވެ.

އުމުރުން 24 އަހަރުގެ ފަބީނިއޯ ވަނީ ފާއިތުވެދިޔަ ޓްރާންސްފާ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑާއި ގުޅޭނެ ކަމަށް އަޑުތައް ފެތުރިފައެވެ. ނަމަވެސް އޭނާ ވަނީ ލިވަޕޫލްއަށް ސޮއިކުރުމަށް ފަހު އެއީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށް ބުނެފައެވެ.

ފަބީނިއޯގެ އިތުރުން ރެޑްބުލް ލެއިޕިޒްއަށް ލޯނަކަށް ކުޅެމުން އަންނަ ނަބީ ކެއިޓާ ވެސް ޖުލައި 1 ގައި ލިވަޕޫލާ ގުޅޭނެއެވެ.