އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ދިރާސާ ކުރުމަށް ހައިކޯޓުން ދައުލަތަށް ފުރުސަތު ދީފިއެވެ.
ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފުގެ ދެވަނަ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލް ވިދާޅުވީ ކްރިމިނަލް ކޯޓުން އަބްދުﷲ ސައީދަށް ކަނޑައެޅި އަދަބުގެ ދަރަޖަ މަތިކުރީ ގާނޫނުލް އުގޫބާތާ ޚިލާފަށް ކަމަށެވެ.
އެކަމާއި ގުޅިގެން ދައުލަތުގެ ވަކީލް އަހުމަދު ތައުފީގު ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އަބަދު މަތިކުރެވިދާނެކަމަށެވެ. އަދި އެގޮތަށް މަތި ކުރެވެނީ އެދެ ބޭފުޅުންނަކީ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ބާރުގައި ހިމެނޭ ފަރާތްތަކަށް ވާތީ ކަމަށެވެ.
މިމައްސަލާގައި ހައިކޯޓުގެ މައްސަލަ ބައްލަވާ ބެންޗުން ވަނީ މައްސަލަ އިތުރަށް ދިރާސާ ކުރަން ފުރުސަތު ބޭނުންތޯ ސުވާލު ކުރައްވާފައެވެ. ދައުލަތުގެ ވަކީލް ތައުފީގު ވިދާޅުވީ ވަގުތު ބޭނުންކަމަށެވެ. އެހާ ހިސާބުން މައްސަލަ މެދުކަޑާލާފައެވެ.