ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލްކޮށްފި އެވެ.
ސިނާންގެ ޝަރީއަތް މިއަދު ކެންސަލްކޮށްފައިވަނީ ދިފާއީ ވަކީލުން ކޯޓަށް ހާޒިރު ނުވެގެންނެވެ. މިއީ ސިނާނުގެ މައްސަލައިގެ އަޑުއެހުން ކެންސަލް ކުރި 4 ވަނަ ފަހަރެވެ.
ސިނާންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ އިތުރު ބަޔަކާ ބައިވެރިވެގެން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރިޝްވަތު ހިފާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫ އަރުވައި ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސިނާން އަމަލުކޮށްފައިވާ ކަމަށް ވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައިވެއެވެ.
ސިނާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ސިނާނު ހައްޔަރުކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގަތުމުން ކޯޓު އަމުރަކާއި އެކު އެއާޕޯޓުންނެވެ.