ހުޅުމާލޭގައި މިއަދު ހަވީރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 32 އަހަރުގެ ޒުވާނަކަށް ފަރުވާ ދެމުންދާއިރު އަދިވެސް އޭނާ ހޭނާރާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 4:30 ހާއިރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފުލުހުންނާއި، ސިފައިންގެ ފްލެޓް ކައިރިން ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އަދިވެސް އޭނާ ހޭނާރާ ކަަމަށެވެ.
މިހާދިސާގައި ދެވަނަ ސައިކަލް ދުއްވި 22 އަހަރުގެ ޒުވާނާއަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ އެކްސިޑެންޓްގައި އަނިޔާވި ދެެމީހުންވެސް ފުރަތަމަ ފަރުވާއަށް ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލު ސީރިއަސްވި ޒުވާނާގެ އާއިލާއިން ބޭނުންވެގެން އޭނާ އިތުރު ފަރުވާ ދިނުމަށް ޓްރީޓޮޕްއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިއެކްސިޑެންޓްގެ މާ ބޮޑު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ.