Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ގައިދީންގެ ބަޔާންތައް އާންމު ނުކުރަން އަންގައިފި

ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި އެކިއެކި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަޔާންތަކާއި އިންޓަވިއުތައް މީޑިޔާއިން އާންމުކޮށް ބްރޯޑްކާސްޓު ނުކުރުމަށް ބްރޯޑްކޮމް އިން އަންގައިފިއެވެ.

ހޯމް މިނިސްޓްރީން ނޫސްތަކަށް މިފަދަ އިންޒާރެއް ދީފައި ވަނިކޮށް ބްރޯޑްކޮމް އިން ވަނީ ބްރޯޑްކާސްޓު ކުރާ މީޑިޔާތަކަށް ވެސް ގައިދީންގެ އިންޓަވިއުތަކާއި ނޫސްބަޔާން ފަދަ މައުލޫމާތު ގެނެސްދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ބަންދުކޮށްފައި ތިބޭ ފަރާތްތަކުން މައުލޫމާތު ހޯދަން ޖެހޭނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށާއި އެނޫން ގޮތަކަށް ހޯދާ މައުލޫމާތު އާންމުކުރުމަކީ މަނާ ކަމެއް ކަމަށް ބްރޯޑްކޮމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ސިޔާސީ ޕާޓީތަކައި ޖަމިއްޔާތަކުގެ މަސްއޫލުވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހައްގު ހުކުމް ތަންފީޒު ކުރާ ފަރާތްތަކަށް ނޯންނާނެ ކަމަށް ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ކަމަށާއި އެފަދަ ފަރާތްތަކުގެ އިންޓަވިއުތައް ބްރޯޑްކާސްޓު ނުކުރުމަށް ކޮމިޝަނުން އަންގާފައިވެއެވެ.

ހޯމް މިނިސްޓްރީން ވެސް ހަވާލާ ދީފައި ވަނީ މިމައްދާގެ ދަށުންނެވެ. އަދި ހުކުމް ތަންފީޒު ކުރާ ފަރާތްތަކުގެ އިންޓަވިއުތަކާއި ބަޔާންތަކާ ގުޅޭގޮތުން ޚަބަރު ގެނެސްނުދިނުމަށް މިނިސްޓްރީން ވަނީ ނޫސްތަކަށް އަންގާ އިއުލާން ކޮށްފައެވެ.