ރާއްޖޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ސިޓީއަަކަށް އައްޑޫ ސިޓީ ހަދަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީގެ ކައުންސިލުން ބުނެފި އެވެ.
މޭޔަރު އަބްދުﷲ ސޯދިގް(ސޯބެ) ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި އައްޑުއަކީ ސިޓީއަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ސިޓީއަކަށް ހެދުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އައްޑޫ ސިޓީއަށް ބޭނުންވާ ވަރަށް އިއާދަކުރަނިވި ހަކަތަ އުފެއްދުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. އަދި އިންވެސްޓްކުރާ ފަރާތްތަކުން ވެސް މިފަދަ މަޝްރޫއުތަކަށް ޝައުގުވެރިކަން އެބަހުރި ކަމަށާއި، އެ އަމާޒަށް ވާސިލްވާން ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ބޭނުންވާ ކަމަށް ސޯބެ ވިދާޅުވި އެވެ.
ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭ އައްޑޫ ކާބަން ނިއުޓްރަލް ސިޓީއަކަށް ހަދަން މަސައްކަތް ފަށާފައިވާ އިރު، އެކަމާ ބެހޭ ގޮތުން މިހާރު ވެސް ކަމާ ބެހޭ ދާއިރާތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް މޭޔަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިޓީ ކައުންސިލްގެ އަމާޒަށް ވާސިލްވުމަށް ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ޕްލޭންތައް ހާމަކުރަން އަދި ތަންކޮޅެއް އަވަސް ކަމަށް މޭޔަރު ވިދާޅުވި އެވެ.
ކައުންސިލުން ވަނީ އަންނަ އަހަރު ނިމުމުގެ ކުރިން އައްޑޫގެ ހުރިހާ ރަށެއްގެ މަގު ބައްތިތައް ވެސް ސޯލާ އިން ދިއްލޭ ގޮތަށް ހަދަބް ނިންމައިފަ އެވެ.