Last Updated: April 26, 20:10
Friday, April 26, 2024
ދުނިޔެ

ޕަޕުއާ ނިއުގިނީގައި އެފްބީ މަހަކަށް ބަންދު ކުރަނީ

ޕަޕުއާ ނިއުގިނީގައި އެއްމަސް ދުވަހަށް ފޭސްބުކް ބޭނުން ކުރުން އެގައުމުގެ ކޮމިއުނިކޭޝަންސް އޮތޯރިޓީން މަނާކޮށްފިއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރ ސޭމް ބެސިލް ވިދާޅުވީ މިފިޔަވަޅު އެޅުމަށް ނިންމީ ދޮގު ޙަބަރާއި އޮރިޔާންކާޑު ފެތުރުން ހުއްޓުވުމަށެވެ.

ބެސިލް އިތުރަށް ވިދާޅުވީ ފޭކް އެކައުންޓްތައް ބޭނުން ކޮށްގެން ފަތުރާ ދޮގު ޙަބަރާއި މައުލޫމާތު ހުއްޓުވުމަށްޓަކައި އެގައުމުން ވަކި މީސްމީޑިއާ ޕްލެޓްފޯރމެއް ހެދުމާއި މެދު ވާހަކަ ދެކެވެމުންދާ ކަމަށެވެ.

ޕަޕުއާ ނިއު ގިނީގެ ސަރުކާރުން މި އެއް މަސް ދުވަސްތެރޭގައި އެގައުމުގެ ރައްޔިތުން ފޭސްބުކް ބޭނުންކުރާ ގޮތް ދިރާސާކޮށް އެގައުމުގައި 2016 ވަނަ އަހަރު ގެނައި ސައިބަރ ކްރައިމް ގާނޫނުގެ ދަށުން ދައުވާ ކުރެވޭނޭ ގޮތްތައްވެސް ދިރާސާކުރާނެއެވެ.

ބީބީސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕަޕުއާ ނިއުގިނީގެ ރައްޔިތުންގެ ތެރެއިން އިންޓަރނެޓްގެ ޚިދުމަތް ލިބެނީ ހަމައެކަނި އެގައުމުގެ 10 އިންސައްތް މީހުންނަށެވެ. ފާހަގަ ކޮށްލެވޭކަމަކީ، އެގައުމުގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން އެގައުމުގެ އޮންލައިން ޚިދުމަތްތައް ވަރަށް ގާތުން ބަލަމުންގެންދާކަމެވެ.

ޕަޕުއާ ނިއު ގިނީއިން މިގޮތަށް މިކަން ނިންމީ ފޭސްބުކް" ފޭކް ނިއުސް" ނުވަތަ ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާކަމަށް ބުނެ އެތަށް ބައެއްގެ ނުރުހުން ފޭސްބުކްގެ ސީއީއޯ މާރކް ޒަކަބާރގަށް އަމާޒުވެފައިވަނިކޮށެވެ.