Last Updated: May 4, 13:11
Saturday, May 4, 2024
ރިޕޯޓް

ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު ތިބާ!

ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަށް މިދަނީ އަޅުގަނޑުމެންނާއި މަޑު މަޑުން އަލްވަދާޢު ކިޔަމުންނެވެ . ރަމަޟާން މަހުން ފާއިތުވެގެންދާ ކޮންމެ ވަޤުތަކީ އަދި ކޮންމެ ހިނދުކޮޅަކީ ބަރަކާތާއި ރަޙްމަތުން ފުރިގެންވާ ވަޤުތެކެވެ . ރަމަޟާންމަހުގެ މާތްކަމާއި މަތިވެރިކަން އިޙްސާސް ކުރެވޭނަމަ މުޅި އަހަރުދުވަހުގެ ކޮންމެ ދުވަހަކީ ރަމަޟާން މަހުގެ ދުވަހަކަށްވުމަށް އަޅުގަނޑުމެން އުންމީދު ކުރާނެކަން ކަށަވަރެވެ.

ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތަކުގެ ބަރަކާތާއި ރަޙްމަތުގެ އަގު ވަޒަން ކޮށްލަން އެދޭނަމަ ރަމަޟާންމަހުގެ އެންމެފަހުރޭގެ މަތިން ތިބާ އިޙްސާސްކޮށްލާށެވެ. މީސްތަކުން އެބައިމީހުން ކުރި ނަމާދުތަކާއި ރޭއަޅުކަމާއި ކިޔެވި ޤުރުއާނާއި ކުރި އިޢުތިކާފުގެ ފުރިހަމަ އުޖޫރަ ހިފައިގެން އެނބުރި ގެޔަށް ދިޔައިރު ތިބާހުރީ އެކަނި މާއެކަނި ހުސްއަތާއެވެ . އެވަޤުތު އަމިއްލަ ނަފްސަށް މަލާމާތް ކުރެވޭނެއެވެ. ލޯކުރިމަތިން ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަށް ފާއިތުވެގެން ދިޔަ މަންޒަރު ހިތަށް އަރާފައި ދެރަވާނެއެވެ.

ރަމަޟާންމަހުގެ އެންމެ ފަހު ދުވަސް ތިބާގެ ލޯމަތިން ވަކިވެގެންދާގޮތާއި މެދު އެކަނި މާއެކަނި ހުރެ ކުޑަކޮށް ވިސްނާލާށެވެ. އެހިނދު މިބަރަކާތްތެރި ރަމްޟާންމަހުން ބާކީ އަދިވެސް ދުވަސްކޮޅެއް އެބައޮތްކަން ތިބާއަށް އިޙްސާސްކުރެވޭނެއެވެ.

ނަމަވެސް މިއީ މަދު ޢަދަދައެއްގެ މައްޗަށް އެކުލިވެންވާ ދުވަސްތަކެކެވެ. ހީވީ އިއްޔެގައި ފުރަތަމަ ރޯދަ ހިފިހެންނެވެ. ނަމަވެސް މިހާރުމިވަނީ ދެބައިކުޅެއް އެއްބައި ފާއިތުވާން ގާތްވެފައެވެ. މިދުވަސްތަށް އަޅުގަނޑުމެންނާއި ވަކިވެގެންދާ އަވަސްމިން ޞިފަކޮށްދޭންވެސް ނޭނގެއެވެ.

ތިބާއަކީ ކިތަންބެ ބޮޑު މުޖިރިމަކަސް އަދި ތިބާގެ ފާފަތަށް އުޑުގެ ވިލާތަކާއި ހިސާބަށް ފޯރިޔަސް ތިބާ ﷲ ތަނަވަސް ރަޙްމަތުން މާޔޫސް ނުވާށެވެ ! މާތް ﷲ ތިބާއަށްޓަކައި އެވަނީ ސުވަރުގޭގެ ދޮރުކޮޅުތަށް ހުޅުވާލައްވާފައެވެ. ނަރަކައިގެ ދޮރުތަށް ބަނދުކުރައްވާފައެވެ. އުޑަތަކުގެ ދޮރުތަށް ހުޅުވި ﷲ ތަނަވަސް ރަޙްމަތުގެ ނިޢުމަތްވަނީ ތިބާ ވަށާލާފައެވެ.

ރަމަޟާންމަހުގެ ކޮންމެ ރެއެއްގައި އެއިލާހުގެ އަޅުތަކުން ނަރަކައިން މުއްތިކުރައްވައެވެ. މިއީ ހައްތަހާ ތިބާއަށްޓަކައި ތަނަވަސް ވެފައިވާ ފުރުޞަތުތަކެވެ. ވީމާ އުއްމީދު ކަނޑާނުލާ މިފުރުޞަތު ތަކުގެ ފޮނި މީރުކަން ޙާޞިލްކުރުމަށް ރޯދަމަހުގެ ބާކީ މިއޮތް މަދު ދުވަސްކޮޅުގެ ބޭނުން ރަނގަޅަށް ހިފާށެވެ. އަދި ރަމަޟާންމަހުގެ ފަހު ދުވަހު ފުރިހަމަ އުޖޫރައާއިގެން ﷲ ރަޙްމަތުގެ ތެރެއަށް ވަންނަ މީހުންގެ ތެރެއިން ތިބާވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ .