މިރޭ އެމްޑީޕީން ބާއްވަން ނިންމާފައިވާ އެޕާޓީގެ އެތެރޭގެ ޕްރައިމަރީ ކުރިއަށް ގެންދަނީ ގާނޫނާއި އެއްގޮތަށްތޯ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ބަލާނެކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެމްޑީޕީން އެޕާޓީގެ ޕްރައިމަރީ ކުރިއަށް ގެންދާނީ ގާނޫނާއި އެއްގޮތަށްކަމަށް ޔަގީންކަން އަރުވައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންވެ އިލެކްޝަނުން ބަލާނީ އެގޮތަށް އަޕާޓީން އަމަލު ކުރާނެކަމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ގާނޫނާއި އެއްގޮތަށް ޕްރައިމަރީ ނުބާއްވާނަމަ ކުރިންވެސް އެންގި ގޮތަށް ޕްރައިމަރީ ހުއްޓުވާނެކަމަށެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވާ އިރު އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްފިނަމަ ޕްރައިމަރީ ހުއްޓުވާނެކަމަށާއި، އެފަދައިން އަމަލްކޮށްފިނަމަ އެޕާޓީ އުވާލުމަށް ހުށަހަޅާނެކަމަށް އަންގައި ޝަރީފު ސޮއިކޮށް އެމްޑީޕީއަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.
އެމްޑީޕީން މިރޭ ޕްރައިމަރީ ބާއްވަނީވެސް ނަޝީދު ނޫން ކެންޑިޑޭޓަކު ނެތިއެވެ.
އިލެކްޝަނުން އެމްޑީޕީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅެއް ކަމަށާއި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުކުރާ މީހެއްގެ ހުންނަންވީ ޝަރުތުތަކުގެ ތެރެއިން އެ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޝަތުރު އުނިވެފައިވާ ބޭފުޅެއް ކަމަށެވެ.