ސ. މަރަދޫގައި ހިންގަމުން އަންނަ "ތަދްރީސުލް ގުރުއާން" ގްރުއާން ކުލާހުގައި ކިޔަވައިދޭ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން ކްލާސް ހުއްޓާލާ ކަމުގެ ހަބަރު ލިބިއްޖެ އެވެ.
މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ ޤުރުއާން ކްލާހުގައި ކިޔަވައިދޭ މުވައްޒަފުންނަށް މުސާރަ ނުދީގެން އޭގެ ތެރެއިން ބައެއް މުދައްރިސުން ކިޔަވައި ދޭން މިހާރު ނާންނަ ކަމަށެވެ. އެހެންވެ މި ވަގުތު އެ ކްލާހުގައި ކިޔަވައި ދެނީ އެންމެ މުދައްރިސެކެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި މަރަދޫ ޤުރުއާން ކުލާހުގެ މުދައްރިސުންގެ މުސާރަ ހަމަޖައްސާފައި ވަނީ ގުރުއާނާ ބެހޭ މަރުކަޒުންނެވެ. އެގޮތުން ފާއިތުވި ތިން މަހުގެ މަހުގެ މުސާރަ ނުލިބިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
ފޭދު އާއި މަރަދޫން 350 އެއްހާ ދަރިވަރުން ގުރުއާން ކިޔަވަން ދަސްކުރަން އަންނަ ކްލާސްގެ ކިޔެވުން ހުއްޓުމާ ގުޅިގެން ބެލެނިވެރިން ތިބީ ކަންބޮޑުވެފައެވެ.
މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް މިއަދު ވިދާޅުވީ މުދައްރިސުން ނަށް މުސާރަ ނުދީގެން ކްލާހުގެ ކިޔެވުން މެދުކެނޑިގެން އުޅޭކަމުގެ ހަބަރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ލިބިފައިނުވާ ކަމަށް ޠޮއްޔިބް ވިދާޅުވި އެވެ.
ގުރުއާން ކުލާހުގެ މުވައްޒަފަކު ވިދާޅުވީ ގުރުއާނާއި ބެހޭ މަރުކަޒަށް ފައިސާ ހޯދުމަށް ތަފާތު ފަހަރުމަތިން ބުނެގެން ވެސް ދެނީ އެންމެ ޖަވާބެއް ކަމަށެވެ.
އެގޮތުން އެބޭފުޅުން ދޭ ޖަވާބަކީ ފިނޭންސަށް ބަޖެޓް ފޮނުވާފައިވާ ކަމަށާއި ފައިސާ ޖަމާކޮށް ދޭނީ ފިނޭންސް އިން ކަމަށެވެ.
މި ކްލާހުގައި ގުރުއާނާ ބެހޭ މަރުކަޒުން މުސާރަ ދޭ ހަތަރު މުދައްރިސުން ތިބެ އެވެ.