ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާތަކުގެ ތެރެއިން މިއަދަށް ތާވަލް ކުރި މައްސަލަތައް ފަސްކޮށްފިއެވެ.
މިއަދަށް ތާވަލް ކުރެވުނު މި މައްސަަލަތައް ފަސްކުރަން ޖެހުނީ އަދީބަށް އޭނާގެ ވަކީލާއި ބައްދަލު ކުރަން ފުރުސަތު ލިބިފައި ނުވުމުގެ ސަބަބުންނެވެ. މިއަދު އަދީބުގެ މައްޗަށް 10 މައްސަލައެއް ތާވަލު ކޮށްފައިވެއެވެ. އެގޮތުން މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ އިބްތިދާއީ މަރުހަލާގެ އަޑުއެހުމެކެވެ.
މިއަދު ހެނދުނު 11:00 އަށް ތާވަލް ކުރެވުނީ ޓޫރިޒަމް ތަރައްގީ ކުރުމަށް ރަށްތަކެއް ދޫކޮށްފައިވާ ކަމަށް ބުނެ އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމުގައި އަދީބުގެ ވަކީލު މޫސާ ސިރާޖް ވިދާޅުވެފައިވަނީ އަދީބާއެކު ބައްދަލުވުމެއް ނުބޭއްވޭތާ 25 ދުވަސްވެފައިވާ ކަމަށެވެ.
އެންމެ ފަހުން ބައްދަލު ކުރެވިފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ މިމަހުގެ 3 ވަނަ ދުވަހު އަދީބު މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލުކުރި ކަމަށް ވެސް ވިދާޅުވިއެވެ.
ކަރެކްޝަނުން އަދީބާއިމެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ސިރާޖު ވަނީ ވިދާޅުވެފައެވެ.އެގޮތުން އޭނާ އެހެން ފަރާތްތައް ތަމްސީލު ކުރާ އިރު ބޭނުން ނުވާ ލިޔުންތަކެއް ކަމަށްވާ މައްސަލަ ރެޖިސްޓްރީވިކަމުގެ ލިޔުމާއި ވަކީލަކު އައްޔަންވިކަމުގެ ލިޔުމެއް އަދީބާއި ބައްދަލު ކުރަން ބޭނުންވާ ކަމަށް ވެސް ސިރާޖް ވިދާޅުވިއެވެ. އެވާހަކަތަކާއި ބެހޭގޮތުން ގާޒީ އާދަމް އާރިފް ވިދާޅުވީ އަދީބާއި މެދު ވެސް ކަންތައް ކުރަން ޖެހޭނީ އެހެން ފަރާތްތަކާއި މެދު ކަންތައް ކުރަން ޖެހޭ ގޮތަށް ކަމަށެވެ. ސިރާޖް ވިދާޅުވި ލިޔުންތަކާބެހޭ ގޮތުން ގާޒީ ވިދާޅުވީ ކަރެކްޝަންސް އިން އެ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އެންގުމަކީ އިދާރީ އެންގުމެއް ކަމަށެވެ.
ގާޒީ އާދަމް އާރިފް ވަނީ ވަކީލަށް އަދީބާއި ބައްދަލު ކުރެވޭނެ ގޮތް ހެއްދެވުމަށް ސިޓީއަކުން މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް ދަންނަވާނެ ކަމަށެވެ. އެ މައްސަލައަށް ތައްޔާރުވުމަށް އިތުރު 10 ދުވަސް ދިނުމަށް ނިންމަވާ ކަމަށްވެސް ވިދާޅުވިއެވެ. އެ 10 ދުވަސް ތެރޭގައި މަދުވެގެން 2 ބައްދަލުވުން ބޭއްވޭނެ ކަމަށް ވެސް ގާޒީ އާދަމް އާރިފް ވަނީ ވިދާޅުވެފައެވެ. އަދި މައްސަލަ ކުރިޔަށް ގެންދެވޭނީ މަދުވެގެން 2 ބައްދަލުވުން ބޭއްވުނީމަ ކަމަށް ވެސް ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ ކޯޓުގައިވެސް ވަކީލަށް އަދީބާއި ބައްދަލު ކުރެވިދާނެ ކަމަށެވެ.
އަދީބުގެ މައްޗަށް ކުރާ ގިނަ ދަޢުވާތަކެއް ހުށަހެޅިފައިވާއިރު މިހާރު ވެސް އޭނާއަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.