Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އދ ގައި އިންޑިޔާގެ ވޯޓް ރާއްޖެއަށް ލިބޭނެކަމާ މެދު ޝައްކު!

އދ. ގެ ސެކިއުރިޓީ ކައުންސިލްގައި އޭޝިއާ ބައްރުގެ ނޮން ޕާމަނަންޓް މެންބަރަކު ހޮވުމަށް އަންނަ މަހު ނަގާ ވޯޓުގައި އިންޑިއާއިން ސަޕޯޓް ކުރާނެ ގައުމަކާމެދު ސުވާލު އުފެދިއްޖެއެވެ. އެ މަގާމަށް ރާއްޖެއާއެކު ވާދަ ކުރަނީ އިންޑޮނޭޝިޔާއިންނެވެ.

"ރާއްޖެއާ އިންޑޮނޭޝިއާ އެއް މަގާމަކަށް ވާދަކުރާއިރު ވޯޓުގައި ކޮޅެއް އިޚްތިޔާރު ކުރަން އިންޑިއާއަށް ފަސޭހަ ނުވާނެ ކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" ގައި ބުނެފައިވެއެވެ. މީގެ ކުރިންވެސް ގިނަ އެހީތަކެއް އިންޑިއާއިން ވެފައިވާ އިރު މި ފަހަރުގެ ވޯޓާއިމެދު ވަރަށް ސީރިއަސްކޮށް ވިސްނަމުންދާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިރުމަތީ އޭޝިއާގެ ތިން ގައުމަކަށް މިހާރު ކުރައްވަމުންގެދަވާ "3 ނޭޝަންސް ޓްއާ" ގައި އިއްޔެ އިންޑޮނޭޝިއާއަށް ވަޑައިގެންފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓް ކުރެއެވެ. މި ދަތުރުފުޅުގައި އިންޑިނޭޝިއާގެ ރައީސް އަދި ފޮރިން މިނިސްޓަރާއި މޯދީ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ދަތުރުފުޅުގައި ކުރިއަށް އޮތް ޔޫއެންއެސްސީ އޭޝިއާ ޕެސިފިކް މެންބަރުކަމުގެ މަގާމަށް އިންޑޮނޭޝިއާގެ ކެންޑިޑެސީ އިއުލާންކޮށްފައިވާތީ އެ މަގާމަށް އެގައުމު ހޮވައިދިނުމަށް އިންޑިއާގެ ސަޕޯޓަށް އިންޑޮނޭޝިއާގެ ސަރުކާރުން އެދޭނެ ކަމަށް ޑިޕްލޮމޭޓުން ވިދާޅުވެއެވެ. ކޮންމެ ގޮތެއް ވިޔަސް މިފަދަ މަޤާމަކަށް ރާއްޖެ ކުރިމަތިލާއިރު އަވައްޓެރި އިންޑިއާގެ ވޯޓަކީ ރާއްޖެއަށް ވަރަށް މުހިއްމު ވޯޓަކަށް ވާނެއެވެ.

ފަހަކަށް އައިސް ރާއްޖޭއާއި ޗައިނާގެ ގުޅުން ބަދަހިވަމުން ދިޔުމުގެ ސަބަބުން އިންޑިއާއާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި އިންޑިއާ ނަގާނެ ކޮޅެއް ބުނަން ދަތި ކަމަށް
ޑިޕްލޮމޭޓުންނާއި ޙަވާލާދީ "ޓައިމްސް އޮފް އިންޑިއާ" ގައި ބުނެފައިވެއެވެ.

އިންޑިއާ ނަގާނެ ކޮޅަކާއިމެދު ރާއްޖެއިންވެސް ވިސްނާނެކަން ޔަގީނެވެ. އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ބަދަހިކަން މިފަހަރު މި ނަގާ ވޯޓުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ.