Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

"ސަރުކާރުން އުޅެނީ ރިޔާސީ އިންތިހާބަށް މީޑިއާތައް ހުއްޓުވަން"

ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން މީޑިއާތަކަށް ބިރު ދައްކައި، މީޑިއާގެ ދައުރު ހުއްޓުވަން ކަމަށް ޖުމްހުރީ ޕާޓީން ބުނެފިއެވެ.

ޤައިދީންގެ އިންޓަވިއުތަކާއި، ހަބަރު ގެނެސްދޭ މީޑިއާތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނެ ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކަމިޝަނުން ބަޔާން ނެރުމާއި ގުޅިގެން މިއަދު ޖުމުހުރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ރައީސް އަބުދުﷲ ޔާމީިންގެ އަނިޔާވެރިކަން ހައްދުން ނައްޓައިގެން ގޮސް އެއްވެސް ކަމެއް އެމަނިކުފާން ބޭނުން ނޫންގޮތަކަށް ކުރެވިޔަ ނުދޭން މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

ސަމީރު ވިދާޅުވީ މިހާރު ސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބްގެ ކުރިން މީޑިއާތަކުގެ ދައުރު ނެތިކޮށްލަން ކަމަށާއި، ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދީފާނެތީ ބިރުން ކަމަށެވެ.

އަދި ސަރުކާރުން ބޭނުންވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނޫން އެހެން ހުރިހާ މީޑިއާގެ ވަސީލަތްތައް ނެތިކޮށްލަން ކަމަށެވެ.

ސަމީރު ވިދާޅުވީ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރާއި އެކު ރައީސް ނަޝީދު އާއި ގާސިމް އިބްރާހިމް އަކީ ކުށްވެރިން ނޫންކަމަށެވެ. އަދި މިއަދު މި ފެންނަނީ ބްރޯޑްކާސްޓިން ކޮމިޝަން މިނިވަންކަމެއް ނެތި ސަރުކާރު ބޭނުންވާ ގޮތަށް އަމިއްލަ ޓީވީ ސްޓޭޝަންތަކަށް ބިރު ދައްކައި ބޮޑެތި އަދަދުން ޖުރިމަނާ ކުރަމުންދާ މަންޒަރުކަމަށެވެ.