Last Updated: April 25, 08:39
Thursday, April 25, 2024
ޚަބަރު

ސޯޝަލް މީޑިޔާ ބޭނުން ކުރާ މީހުން އަތުން ޓެކްސް ނަގަނީ

ސޯޝަލްމީޑިޔާ ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަށް ޔުގާންޑާގެ ޤާނޫނު ހަދާ މަޖިލިހުން ފާސް ކޮށްފިއެވެ.

އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސޯޝަލްމީޑިޔާ ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓެކްސްގެ ގޮތުގައި ދުއިސައްތަ ޔުގާންޑާ ޝިލިންގްސް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މޮބައިލް ފޯނު މެދުވެރިކޮށް ފޮނުވާ އެފައިސާގެ މުޅި ޖުމްލަ އަދަދުގެ އެކެއް އިންސައްތަ ޓެކްސްގެ ގޮތުގައި ނެގުމަށް ވެސް ވަނީ ނިންމާފައެވެ.

ސޯޝަލް މީޑިޔާ ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ނިންމި ނަމަވެސް ޔުގާންޑާގައި އިންޓަރނެޓް ޑާޓާ އަކަށް އެއްވެސް ޓެކުހެއް ނުނަގާނެއެވެ.

ޔުގާންޑާގެ ރައީސް މުސެވެނީ އާއި ހަވާލާދީ އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޓަރނެޓް ޑާޓާއަށް ޓެކްސް ނުނަގަނީ ، އިންޓަނެޓަކީ ތައުލީމަށާއި މައުލޫމާތު ހޯދައި މައުލޫމާތުގެ ފޯރުކޮށްދެވޭ ވަސީލަތަކަށް ވާތީއެވެ.

ރައީސް މުސެވެނީ ވިދާޅުވެފައިވާ ގޮތުގައި ސޯޝަލްމީޑިޔާ ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓެކްސެއް ނެގުމަށް ހަމަޖެއްސީ ސޯޝަލްމީޑިޔަގެ ބޭނުން ނަހަމަ ގޮތުގައިކޮށް "ގޮސިޕް" ކުރުން އިތުރުވެފައިވާތީއެވެ.

މީގެ އިތުރުން ޔުގާންޑާގެ ފައިނޭންސް މިނިސްޓަރ މަޓިއާ ކަސައިޖާ އަލަށް މިނެގޭ ޓެކްސާއި ބެހޭގޮތުން ވިދާޅުވިގޮތުގައި މިޓެކްސް ޔުގާންޑާގެ ދަރަނިތައް ދެއްކުމަށް އެހީތެރިވެދޭނެ އެވެ. އަދި ހަމައެހެންމެ މިޓެކްސްއަކީ އިންޓަރނެޓް ބޭނުން ކުރުމަށް އޮތް ހުރަހަކަށް ނުވާނެ ކަމަށް ކަސައިޖާ ވަނީ ވިދާޅުވިއެވެ.

ޔުގަންޑާގެ ރައީސް މުސެވެނީ. އޭނާ ވިދާޅުވި ގޮތުގައި ސޯޝަލްމީޑިޔާ ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓެކްސެއް ނެގުމަށް ހަމަޖެއްސީ " ގޮސިޕް" ކުރުން އިތުރުވެފައިވާތީ.

މިއަދުން ފެށިގެން މި ޤާނޫނަށް ޔުގާންޑާގައި އަމަލުކުރަން ފައްޓާއިރު، އަގައުމުގެ މުވާސަލާތީ ދާއިރާގެ ފަންނުވެރިންނާއި ބައެއް އިންޓަރނެޓް ސާވިސް ޕްރޮވައިޑަރުން ވަނީ މީސްމީޑިއާ ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓެކްސް ނެގާނީ ކޮން އުސޫލަކުންތޯ ސުވާލު އުފައްދާފައެވެ.

އެއީ ސޯޝަލްމީޑިޔާ ބޭނުންކުރާ މީހުން ވަކިވަކީން ދެނެގަންނާނެ ގޮތެއް ޔުގާންޑާގެ ސަރުކާރުން ސާފުކޮށްދީފައި ނުވާތީއެވެ.

2016 ވަނަ އަހަރުގައި ޔުގާންޑާގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެގައުމުގައި ސޯޝަލްމީޑިޔާގެ ވަސީލަތްތައް ބޭނުން ނުކުރެވޭ ގޮތަށް ހެދިއެވެ. އެފަހަރު ރައީސް މުސްވެނީ ވިދާޅުވެފައިވާ ގޮތުގައި އެގޮތަށް އަމަލުކުރަސް ޖެހުނީ ދޮގު ޙަބަރާއި މައުލޫމަތު ފެތުރުން ހުއްޓުވުމަށެވެ.