Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފާރިސްގެ މައްސަލައިގެ ހެކި ސިއްރު ކުރަން ދާއިމީ އަމުރެއް

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި ހެކި ސިއްރު ކުރުމުގެ ދާއިމީ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފިއެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް އަމުރު ނެރުނީ ހެކި ސިއްރު ކުރުމަށް ދާއިމީ އަމުރެއް ނެރެދިނުމަށް ދައުލަތުން އެދުމުންނެވެ. މިއަމުރު ނެރެފައިވަނީ ކްރިމިނަލް ކޯޓުގައި އިއްޔެ މި މައްސަލާގައި ބޭއްވި އަޑުއެހުމުގައެވެ.

މިގޮތަށް ހެކި ސިއްރު ކުރުމަށް އަމުރު ނެރުމުން ފާރިސްގެ ވަކީލު މައުމޫނު ހަމީދު ވަނީ ހެކި ސިއްރު ކުރެވޭނެ ހާލަތްތައް ޤާނޫނުގައި ބަޔާންކޮށްފައި ނެތް ކަމަށް ވިދާޅުވެފައެވެ. މިފަދައިން ކަންތައް އޮތްއިރު ހެކި ކޯޓަށް ހާޒިރު ނުކޮށް ހެކި ސިއްރު ކޮށްގެން ގެންދިޔުމަށް ކޯޓުން އަމިއްލައަށް ގޮތެއް ނުނިންމޭނެ ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފައެވެ. އަދި ހެކި ސިއްރު ކުރުމާމެދު ނެރުނު އަމުރާއި އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.

މިކަމާ ގުޅޭގޮތުން ގާޒީ ހައިލަމް ވިދާޅުވެފައިވަނީ ތުހުމަތު ކުރެވޭ މީހާ ބަންދަށް ދޫވެ މުޖުތަމަޢުއަށް ނުރައްކާ ވެއްޖެނަމަ އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ގާޒީ ކަމުގައެވެ.