Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

43،922 މެންބަރުންގެ ތާއީދު ނަޝީދަށް

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް ސިިވިލް ކޯޓުން އަމުރު ނެރެފައިވަނިކޮށް އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ޕާޓީގެ 43،922 މެމްބަރުން ތާއިދުކޮށް ވޯޓު ދީފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އިއްޔެ މެންދުރު ފަހު 2 އިން ރޭ ދަންވަރު 12 ޖަހަންދެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެޕާޓީން ކުރިއަށް ގެންދިޔަ ޕްރައިމަރީ އަކީ ގާނޫނާއި ހިލާފަށް ބޭއްވި އިންތިހާބެއްކަމަށް ސިވިލް ކޯޓުން އަމުރުކޮށް، އިންތިހާބް ހުއްޓުވުމަށް ފުލުހުންގެ މައްޗަށް އަމުރުކުރިއެވެ.

އެ އަމުރާއި އެކު ފުލުުހުންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ވޯޓު ފޮށިތައް ނަގާފައެވެ. ނަމަވެސް އެމްޑީޕީންވަނީ ހުއްޓުމެއް ނެތި ވޯޓުލުން ކުރިއަށް ގެންގޮސްފައެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި އެމްޑީޕީން އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން މުޅި ރާއްޖެ އާއި ތިން ގައުމެެއްގައި ބޭއްވި ޕްރައިމަރީގެ ވޯޓްލުމުގައި އެ ޕާޓީގެ 44،011 މެންބަރުން ވަނީ ވޯޓްލައިފަ އެވެ. އޭގެ ތެރެއިން ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އާ އެކޭ ބުނެފައި ވަނީ 43،922 މެންބަރުން ކަމަށް އެ ޕާޓީ އިން ބުންޏެވެ. ނުފެންނަ ކަމަށް 14 ވޯޓްވަނީ ލައިފަ އެވެ. އަދި ބާތިލް 75 ވޯޓް ވަނީ ލައިފަ އެވެ.

13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު ހިމަނައިގެން ޕްރައިމަރީ ކުރިއަށް ނުގެންދިއުމަށް އިލެކްޝަނުން ވަނީ އެޕާޓީއަށް އަންގާފައެވެ. އަދި އެކަމާއި ގުޅިގެން ޕާޓީއާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.