އިއްޔެ މުޅި ރާއްޖޭގައި އެމްޑީޕީން ކުރިއަށް ގެންދިޔަ އެޕާޓީގެ ރިޔާސީ ޕްރައިމަރީ އަކީ ގާނޫނާއި ހިލާފަށް ބޭއްވި ޕްރައިމަރީއެއްކަމަށާއި، އެކަމާއި އެމްޑީޕީއަށް ފިޔަވަޅު އަޅާނެކަމަށް އިލެކްޝަން ކަމިޝަން (އީސީ)އިން ބުނެފިއެވެ.
އިލެކްޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެމްޑީޕީން އިއްޔެ ބޭއްވި ޕްރައިމަރީ ބަލައި ނުގަންނަ ކަމަށާއި، އެއީ އައިރު ގާނޫނީ ޕްރައިމަރީއެއް ކަމަށެވެ.
އަކުރަމް ވިދާޅުވީ އެމްޑީޕީއަށް މިފަދަ ގާނޫނާއި ހިލާފު ޕްރައިމަރީއެއް ނުބޭއްވުމަށް އަންގާފައިވާ ކަމަށާއި، އެ އެންގުމާއި ހިލާފުވުމުން ފިޔަވަޅު އަޅާނެކަމަށެވެ. ނަމަވެސް ފިޔަވަޅު އަޅާނީ އަންނަ އަންގާރަ ދުވަހު ބާއްވާ ކޮމިޝަން ބައްދަލުވުމުގެ މަޝްވަރާއަށް ފަހު ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް ސިިވިލް ކޯޓުން އަމުރު ނެރެފައިވަނިކޮށް އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ޕާޓީގެ 43،922 މެމްބަރުން ތާއިދުކޮށް ވޯޓު ދީފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު ހިމަނައިގެން ޕްރައިމަރީ ކުރިއަށް ނުގެންދިއުމަށް އިލެކްޝަނުން ވަނީ އެޕާޓީއަށް އަންގާފައެވެ. އަދި ޕާޓީ އުވާލަން ޖެހިދާނެކަމުގެ އިންޒާރުވެސް އީސީން މީގެ ކުރިން އެމްޑީޕީއަށް ވަނީ ދީފައެވެ.