އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއެއްގައި ޖުމްހުރީ މައިދާނަށް ވެންނެވި މައްސަލާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިބޫގެ މައްސަލަ ތަހްގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވިކަމަށެވެ.
ނަމަވެސް ޕީޖީން އެމައްސަލާގައި ދައުވާ ނުކުރަން ނިންމާފައިވާތީ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކޮށްފައިވަނިކޮށް އިބޫ ޖުމްހުރީ މައިދާނަށް ވެންނެވި މައްސަލާގައި މާޗް، 16، 2018 ގައި އިބޫ ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރިއެވެ.
އިބޫ ޖުމްހުރީ މައިދާނުން ހައްޔަރުކުރީ އެއީ އެއްވުން މަނާ ސަރަހައްދަކަށްވެފައި އެތަނަށް އެއްވުމުންނެވެ.