ރެއާލް މެޑްރިޑްގެ މެނޭޖަރުކަމުން ޒައިނުއްދީން ޒިދާން އިސްތިއުފާދީފިއެވެ.
ޒިދާން މިކަން އިއްލާން ކުރީ މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ނޫސް ކޮންފަރެންސެއްގައެވެ.
ޒިދާން ބުނީ އަންނަ ސީޒަނުގައި ރެއާލުގައި ނުހުންނަން ނިންމާފައިވާ ކަމަށާއި، މިއީ ވަރަށް ދަތި ނިންމުމެއްކަމަށެވެ.
"އަންނަ ސީޒަނުގައި ރެއާލްގެ ކޯޗުކަމުގެ މަގާމުގައި ނުހުންނަން އަހަރެން ނިންމައިފިން. އަހަރެން އިއްޔެ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ވާހަކަ ދެއްކިން، އަހަރެންގެ ނިންމުން ހިއްސާ ކުރިން، މިއީ މިކަމުގައި ޝާމިލްވާ ފަރާތްތަކަށް ގަބޫލު ކުރަން ދަތި ނިންމުމަކަށް ވެދާނެ" ޒިދާން ބުންޏެވެ.
ޒިދާން ބުނީ ރެއާލްއަށް އަބަދުވެސް މޮޅުވުން މުހިއްމުކަމަށާއި، ތިން އަހަރަށް ފަހު ބަދަލެއް ބޭނުންވާ ކަމަށެވެ.
ޒިދާން ރެއާލް ދޫކޮށްލަން ނިންމި އިރު އެކްލަބުން ވަނީ ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބްކޮށް އާ ރިކޯޑެއް ހަދާފައެވެ.