Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އޭޑީކޭގެ އިހުމާލުން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ބަލަނީ

އައްިޝަތުގެ އަތަށް ލިބިފައިވާ ގެއްލުމުގެ ފޮޓޯއެއް،

ދިވެހި އަންހެނަކު އޭޑީކޭ ހޮސްޕިޓަލްގެ އިހުމާލުން މަރުވެފައިވާ ކަމަށް އާއިލާއިން ބުނާ މައްސަލައެއް އެ ހޮސްޕިޓަލުން ބަލަން ފަށައިފިއެވެ.

ހޮސްޕިޓަލުގެ އިހުމާލުން މަރުވެފައިވާ ކަމަށް ބުނާ ހ. އުނިގަސްދޮށުގެ، އައިޝަތު އާދަމް 59، މަރުވެފައިވަނީ މިދިޔަ ހޯމަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައެވެ.

އައިޝަތު އާދަމް ހޮސްޕިޓަލަށް ގެންދެވުނީ ނޭވާލާން އުނދަގޫ ވެގެންނެވެ. އައިޝަތު މަރުވެފައިވަނީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނެ އާއިލާއިން ވަނީ ކަން ހިނގިގޮތް ކަމަށް ބުނެ ބަޔާނެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ.

މިމަހުގެ 23 ވަނަ ދުވަހު ނޭވާލާން އުނދަގޫ ވުމުގެ ސަބަބުން އައިޝަތު އޭޑީކޭއަށް ގެންދެވުނު ކަމަށް އާއިލާއިން ބުނެއެވެ. އޭނާ ގެންދިޔުމުން އައިސީޔޫގައި ބާއްވައިގެން ފަރުވާ ދީފައިވެއެެވެ. ފަރުވާ ދެވުނު އިރު އެއްވެސް ސީރިއަސް މައްސަލައެއް ނޫޅޭ ކަމަށް ޑޮކްޓަރުން އާއިލާއަށް އަންގާފައިވާ ކަމަށްވެސް އާއިލާއިން ބުނެއެވެ. އޭޑީކޭގައި އައިޝަތުގެ ކަންތައް ބަލަން ހަވާލުވީ ބިދޭސީ ޑޮކްޓަރެއް ކަމަށް ވާ ޝަރަދު ޑަޔަޑަންއެވެ.

ޑޮކްޓަރުން އެހެން ބުނެފައިވީ ނަމަވެސް އައިސީޔޫގައި އޮތް އިރު އައިޝަތުގެ ކަނާތު ކޮނޑު ހުޅުން ފެށިގެން ތިރި ދުޅަވެ، ތަދުވާތީ އުޅުނު ކަމަށް އާއިލާ އިން ބުނެ އެވެ. އައިސީޔޫން ފަރުވާ ދިނުމަށް ފަހު ނޭވާލުން ރަނގަޅުވުމުން ކޮޓަރި އަށް ބަދަލުކުރި އެވެ. އެކަމަކު އާއިލާ އިން ބުނާ ގޮތުގައި އަތުގެ މައްސަލަ އަށް ފަރުވާދިނުމުގައި ބަލަން ހަވާލުވި ޑރ. ޝަރަދު ވަނީ އިހުމާލްވެފަ އެވެ.

އާއިލާގެ އާންމު ކޮށްފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮޓަރިއަށް ބަދަލުކުރި ފަހުން ތަދު ބޮޑުވެ، ޝަކުވާކުރުމުން ޑރ. ޝަރަދު ގެންނަން ނަރުހުން އެތައް ފަހަރަކު ގުޅުމުން ވެސް އޭނާ ނާދެ އެވެ. އެކަމަކު ޝަރަދު ދިން އިންޖެކްޝަނެއް އައިޝަތުގެ ގަޔަށް ޖަހާފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. ދެން ވެސް ތަދަށް ލުއިކަން ނުލިބުމުން ނަރުސް ކުއްޖަކު، އެ އަތުގައި ފާޑެއްގެ ޖެލްއެއް އުނގުޅުމަށް ފަހު ބެންޑޭޖްކޮށް އައިސްޕެކް އެޅި ކަމަށް އެ ބަޔާނުގައިވެ އެވެ.

ޑރ. ޝަރުދު ގެނެވޭތޯ ނަރުހުން އުޅުމުން އޭނާ އެ ވަގުތު ހުރީ އޯޕީޑީގައި ކަމަށާއި ދެވެން ނެތް ކަމަށް އެންގިކަމަށް ވެއެވެ. އެހިސާބުން ޑޮކްޓަރު ގެނެވޭނެ ކަމަށް ބުނެ އާއިލާގެ މީހަކު ޑޮކްޓަރާ ބައްދަލުކުރަން ދިޔަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އެންމެ ފަހުން ޑޮކްޓަރު ގެނެވުނީ އާއިލާ މީހާ ޑޮކްޓަރު ހޯދަންދިޔަ މަގުމަތީގައި ހޮސްޕިޓަލުގެ ސުޕަވައިޒަރަކަށް ޝަކުވާ ކުރުމުން ކަމަށްވެއެވެ. އެގޮތަށް ޑޮކްޓަރު ގެނައުމުން ހިތްހަމަ ނުޖެހިފައި ހުރިކަމަށްވެސް އާއިލާއިން ބުނެއެވެ.

އައިޝަތުގެ އަތަށް ތަދުވާތީ ތަދު ކެނޑުވުމަށް ޕެނެޑޯލް ދިނުމަށް ޑޮކްޓަރު އުޅުމުން ކިޑްނީއަށް ފަރުވާ ހޯދަމުންދާ ފަރާތަކަށް ވާތީވެ އެހާ ގިނަ ބޭސް ދިނުމުން މައްސަލައެއް ނުޖެހޭތޯ ސުވާލު ކުރި ކަމަށް ބަޔާނުގައިވެއެވެ. ސުވާލު ކުރުމުން ބޭސް ދިނުމަށް ހުރަސް އަޅަނީ ކަމަށް ބުނެ އާއިލާ އެކަކު ފިޔަވާ އެހެން އެންމެން ކޮޓަރިން ނެރުނު ކަމަށް އާއިލާއިން ބުނެއެވެ. އެއަށްފަހު އައިޝަތު އެޗްޑީޔޫއަށް ބަދަލު ކޮށް އަތުގެ ސްކޭނެއް ހެދި ކަމަށްވެސް ބުނެފައިވެއެވެ.

އަތުގެ ސްކޭން ކުރުމަށްފަހު އައިޝަތުގެ އަތަށް ގުޅާފައިވާ ކެނިއުލާ ގުޅިފައިވަނީ ނާރުގެ ބަދަލުގައި އަތުގެ މަސްގަނޑަށް ކަމަށް ޑރ. ޝަރަދު ބުނެފައިވާ ކަމަށް ބަޔާނުގައި ވެއެވެ. އެގޮތަށް މަސްގަނޑަށް ގުޅިފައިވުމުގެ ސަބަބުން ހުރިހާ އެންޓިބަޔޮޓިކްސް އަދި އައިވީ ފްލުއިޑްތައް ގޮސްފައިވަނީ މަސްގަނޑަށް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އެހެން ވުމުން 48 ގަޑިއިރު ވަންދެން އަތް މައްޗަށް ނަގައިގެން ބޭއްވުމަށާއި އެހެން ބޭއްވުމުން ރަނގަޅުވާނެ ކަމަށް ޑރ. ޝަރަދު ބުނެފައިވާ ކަމަށް ވެއެވެ.

އާއިލާގެ ބަޔާނުގައިވާ ގޮތުން އައިޝަތުގެ އަތަށް އެއްވެސް ލުއިކަމެއް ނުލިބުމުން ޑރ. ޝަރަދު ބަދަލުކޮށްދޭން އެދުމުން ދެން އައިޝަތުގެ ކަންކަމާ ހަވާލުވި ޑޮކްޓަރު އެދުނީ އިނގިލިތަކުގެ ހަރަކާތްތައް ކުޑަވާތީ އޮޕަރޭޝަނެއް ކުރުމަށެވެ. އެކަމަކު އޭޑީކޭ އިން އިތުރު ފަރުވާއެއް ހޯދަން އައިޝަތު ދެކޮޅުހެދި އެވެ.
އޭޑީކޭ އިން ވަނީ އައިޝަތުގެ ކަންކަން ބަލަން ފަހުން ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް އެކުލަވާލައިފަ އެވެ. އެހެން ނަމަވެސް އާއިލާއިން އޭނާ ބޭރަށް ގެންދަން ޓިކެޓް ނެގި އެވެ.

ބަޔާނުގައިވާ ގޮތުގައި އެހިސާބުން ދެން ދިމާވި މައްސަލަ އަކީ އަތުގެ ވިންދު މާ ބޮޑަށް ދަށްވުމުން ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ޖެހުމެވެ.
އާއިލާ އިން ބުނި ގޮތުގައި ރޭގަނޑު 12:30 ހާ އިރު ކުރަން ފެށި އޮޕަރޭޝަން ނިމުނީ އަނެއް ދުވަހު ހެނދުނު 6:30 ގައެވެ. އޮޕަރޭޝަން ކުރި ޑޮކްޓަރުން އޮޕަރޭޝަން ދިޔައީ ރަނގަޅަށް ކަމަށް ބުނެފައިވާ ކަމަށް ވެއެވެ. ނަމަވެސް ޑޮކްޓަރުންގެ ހަރަކާތްތައް ހުރި ގޮތުންނާއި މޫނު މައްޗަށް ވެރިވެފައިވާ ހާސްކަން ފެނުމުން، އާއިލާ އިން ޝައްކު އުފެދި، ސުވާލުކުރުމުން ޑޮކްޓަރުން ހާރު ނުކައި ތިބުމުން ވަރުބަލިވެފައިވާ ކަމަށް ބުނި ކަމަށް އާއިލާއިން ބުނެއެވެ.

އޭގެ ދޮޅު ގަޑިއިރު ފަހުން ތިއޭޓަރުން އައިޝަތު ނެރުނު އިރު ވަނީ ލޯ މަތީގައި ޓޭޕް ކޮޅެއް އަޅާފައިކަމަށް އާއިލާ އިން ބުނެއެވެ.
އެކަމަކު އޮޕަރޭޝަންގެ ތެރޭގައި އައިޝަތު މަރުވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ފަހުން އެވާހަކަ ޑޮކްޓަރުން ގާތު ބުނުމުން ޑޮކްޓަރުން އިސްޖަހާފައިވާ ކަމަށް އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އައިޝަތުގެ ދަރިއެއް ކަމަށްވާ އިސްމާއީލް އިޙްސާން ބުނީ އޭނާގެ މަންމަ ނިޔާވުމުގައި ޑޮކްޓަރުންގެ އިހުމާލުވާ ކަމަށް އައިލާ އިން ގަބޫލުކުރަނީ އައިސީޔޫގައި ތިބި ނަރުސް ކުދިންނާއި މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާ ސުވާލުކުރުމުން، އެ މީހުންގެ އިހުމާލް މިކަމުގައިވާ ކަމަށް ވަނީ އިއުތިރާވެފައި ކަމަށެވެ.

އައިޝަތަކީ ހިތުގެ ވިންދު ލަސްވުމުން ޕޭސްމޭކާ ލައްވާފައިވާ އަދި ކިޑްނީގެ މައްސަލަތަކެއްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

އިޙުސާން ބުނި ގޮތުގައި އޭނާގެ މަންމަގެ މަރުގެ މައްސަލަ ފުލުހުންނާއި ހެލްތު މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ތަހުގީގު ނިމުމުން އެކަން އާއިލާއާ ހިއްސާ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.