އެމްޑީޕީން އިއްޔެ ކުރިއަށް ގެންދިޔަ އެޕާޓީގެ ރިޔާސީ ޕްރައިމަރީ އާއި ގުޅިގެން ޕާޓީއަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު ވިދާޅުވެއްޖެއެވެ.
ހަސަން ވިދާޅުވީ ޕާޓީގެ ނަތީޖާ ސައްހަ ކަމަށާއި، އިންތިހާބުގައި 43922 މެމްބަރުން ރައީސް ނަޝީދުއަށް ތާއިދުކޮށް ވޯޓުދީފައިވާ ކަމަށެވެ. އަދި އެނަތީޖާ އާއްމުކޮށްފައިވަނީ ވޯޓު މަރުކަޒުން ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލާން ފެށުމާއި އެކު ސިވިލް ކޯޓުން ވަނީ އިންތިހާބު ހުއްޓުވުމަށް ކޯޓު އަމުރެއް ނެރެފައެވެ. އަދި އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ފަށައި މާލެ އާއި އައްޑޫ ސިޓީ އަދި އެހެނިހެން ރަށްތަކުގައި ބަހައްޓާފައިވާ ވޯޓު ފޮށުތައް ފުލުހުން ވަނީ ގެންގޮސްފައެވެ.
ހަސަން ވިދާޅުވީ ފުލުހުން ގެންދިޔަ ވޯޓު ފޮށިތަކުގައި ވޯޓެއް ނެތްކަމަށާއި އެއީ މުޅިން އެހެން އެއްޗެހިތަކެއް ކަމަށެވެ.
ޕްރައިމަރީ އާއި ގުޅިގެން އިލެކްޝަން ކަމިޝަނުން މިއަދު ވަނީ އެމްޑީޕީގެ ޕްރައިމަރީ ބަލައި ނުގަންނަ ކަމަށާއި، އެކަމާއި ގުޅިގެން ޕާޓީއަށް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.