ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ޢަދުލު އިންސާފު ޤާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ މިރޭ ބާއްވަން ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، އެ ބޭފުޅުން ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ތަހުޤީޤަށް ފޯނު ދޭން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލައިގަ އެވެ.
މި މައްސަލައިގެ މިރޭ އަޑުއެހުން ތާވަލްކޮށްފައި އޮތީ 21:30 ގަ އެވެ. އެ އަޑުއެހުން ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުން ކަމަށްވާއިރު، ރޭގެ އަޑުއެހުމުގައި ވެސް ވަނީ ސިއްރު ތިން ހެކިވެރިއެއްގެ ހެކިބަސް ނަގައިފަ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ އެ ތިން ބޭފުޅުންގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މީގެ އިތުރުން މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލަ ސާބިތުވެ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓާލަން އެންގި މައްސަލައިގައި ވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ އިތުރު ހަތަރު މަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ.
އޭގެ ތެރެއިން ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފް މައްސަލަ އާދިއްތަ ދުވަހު ހައި ކޯޓުން ނިންމާނެ އެވެ. އެ މައްސަލައިގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާ ނިމޭ އިރު، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން އޮޓަމެޓިކުން ވަކިވާނެ އެވެ.