Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ޑެންމާކްގައި މޫނުބުރުގާ އެޅުން މަނާކޮށްފި

ފޮޓޯ: ރޮއިޓާސް

ޑެންމާކްގައި މޫނު ބުރުގާ އެޅުން މަނާކޮށްފި އެވެ.

އެޤައުމުން ފާސްކުރި މި ޤާނޫނާއިއެކު ޑެންމާކް ވެގެންދާނީ މި ފަހަކަށް އައިސް ޔޫރޮޕިއަން ޔޫނިއަން (އީޔޫ)ގެ ޤައުމްތަކުގެ ތެރެއިން އެފަދަ ޤާނޫނެއް އެންމެ ފަހުން ފާސްކުރި ޤައުމަށެވެ. މި ޤާނޫނުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެ ޤައުމުގައި ދިރިއުޅޭ ބުރުގާ އަޅާ މުސްލިމް އަންހެނުންނަށެވެ.

މި ޤާނޫނު ފާސްވެގެން ދިޔައީ މިއަދު ބޭއްވި އެ ޤައުމުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 75 މެމްބަރުންގެ ވޯޓުންނެވެ. މިކަމާއި ދެކޮޅަށް ވޯޓް ދެއްވީ 30 މެމްބަރުންނެވެ. މި ޤާނޫނަށް ޢަމަލު ކުރަން ފަށާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މި ޤާނޫނާއި ޚިލާފުވާ ކޮންމެ މީހަކު 1،000 ކްރޯނާ (157 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ތަކުރާރުކޮށް ޤާނޫނާއި ޚިލާފުވާ ފަރާތްތަށް އެއަށްވުރެ ދިހަ ގުނަ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އަލަށް ފާސްކުރި މި ޤާނޫނުގައި މުސްލިމް އަންހެނުންގެ ވާހަކަ ސީދާ ގެނެސްފައި ނުވީނަމަވެސް، ޤާނޫނުގައި ބުނަނީ އާންމު ތަންތަނުގައި މޫނު ނިވާކޮށްގެން އުޅޭ ކޮންމެ މީހަކު ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ޤާނޫނަކީ އަންހެނުންގެ ޙައްޤުތަކަށް އަރައިގަތުންފަދަ ކަމެއް ކަމަށް ސިފަކޮށްފައެވެ.

އާންމު ތަންތަނުގައި މޫނުބުރުގާ އެޅުން މަނާކުރި އެންމެ ފުރަތަމަ ޤައުމަކީ ފްރާންސް އެވެ. 2011 ވަނަ ފްރާންސް އިން އެ ޤާނޫނު ފާސްކުރިއިރު، އޭގެ މަސްތަކެއް ފަހުން ބެލްޖިއަމް އިން ވެސް ވަނީ ކާކުކަން ނޭނގޭފަދަ ފޭރާން އާންމު ތަންތަނުގައި ލުން މަނާކޮށްފަ އެވެ.