ހއ. އިހަވަންދޫ ކައުންސިލްގެ ފަސް މެމްބަރުން އަނެއްކާވެސް ސަސްޕެންޑްކޮށްފި އެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިހަވަންދޫ ކައުންސިލްގެ ފަސް މެމްބަރުން ސަސްޕެންޑް ކޮށްފައިވަނީ މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހުގެ މުއްދަތަށެވެ.
އެނގިފައިވާ ގޮތުގައި އެ ފަސް ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ ހައުސިންގް މިނިސްޓްރީގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަމުން ދިޔަ މަސައްކަތަކަށް ހުރަސް އެޅި ކަމަށް ބުނެ އެވެ.
މީގެކުރިންވެސް މަސްވެރިން ދުވަހުގެ މުޒާހަރާއާ ގުޅިގެން، ކައުންސިލަރުން ބައިވެރިވެ، ސަރުކާރަށް ދަތި ކުރިކަމަށް ބުނެ ކުރި ތުހުމަތަކާ ގުޅިގެން އިހަވަންދޫ ކައުންސިލްގެ ފަސް މެމްބަރުން ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.
އެ ސަސްޕެންޝަންއަށްފަހު ކައުންސިލަރުން މަސައްކަތަށް ނިކުމެފައިވަނީ މިމަހުގެ 2 ވަނަ ދުވަހު އެވެ.