Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

މެލޭޝިއާގެ ދަރަނި އަދާކުރުމަށް ފަންޑު "ފޮއްޓެއް"

މެލޭޝިއާގެ ސަރުކާރުގެ ދަރަނިތައް އަދާކުރުމަށް ޚާއްސަ ފަންޑެއް ހުޅުވައިފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ތަބުންގް ހަރަޕަން މެލޭޝިއާ ނަމުގައި ޚާއްސަ ފަންޑެއް ހުޅުވާފައިވާ ކަން އިއުލާން ކުރެއްވީ މެލޭޝިޔާގެ ބޮޑުވަޒީރު ޑރ.މަހާތީރެވެ.

ފަންޑު ހުޅުވުން ޑރ. މަހާތީރު ސިފަކުރެއްވީ ގައުމީ ރޫހާއި ޖޯޝާއި އެކީ ގައުމަށް އެހީވެވޭނޭ ފުރުސަތު ހުޅުވާލުމުގެ ގޮތުގައެވެ.

ޑރ.މަހާތީރު ވިދާޅުވިގޮތުގައި މިފަދަ ފަންޑެއް ހުޅުވުމުގެ މައިގަނޑު ބޭނުމަކީ ގައުމަށް އެހީވާން ބޭނުންވާ ރައްޔިތުންނަށް ،އެމީހަކަށް ވެވުނު މިންވަރަކުން އެހީވެދިނުމަށް ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

މިފަންޑު ހުޅުވުމުގެ ކުރިން ޕަކަތަން ހަރަޕަންއަށް ތާއީދުކުރާ ބަޔަކުގެ އިސްނެގުމާއިއެކީ ފަންޑް އެއްކުރުމުގެ ހަރަކާތްތަށް ހިންގާފައިވެއެވެ.

މެލޭޝިއާ ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ އެ ޤައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ސަރުކާރުން ރަސްމީ ފަންޑެއް ހުޅުވުމުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ދެން ނުޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް މެލޭޝިއާގެ ބައެއް ރައްޔިތުން ދަނީ ސަރުކާރުން ހުޅުވި ފަންޑު ފޮއްޓާއި ބެހޭގޮތުން ހިތްހަމަނުޖެހުން ފާޅުކޮށް ފާޑު ކިޔާފައެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މެލޭޝިއާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރ އޮންގް ކިއަން މިންގް ވިދާޅުވި ގޮތުގައި ގައުމަށް އެހީވާން ބޭނުންވާ ރައްޔިތުންނަށް އެފުރުސަތު އޮންނަންވާނެ ކަމަށާއި ރަސްމީ ސިފައެއްގައި އެކަން ކުރުމުން ޖެހޭ މައްސަލަތައް މަދުވެގެންދާނެ ކަމަށެވެ.