Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ރެއާލުން ބޭނުން ވަނީ ޕޮޗެޓީނޯ ގެންދަން

ރެއާލް މެޑްރިޑްގެ މެނޭޖަރު ކަމުން ފްރާންސުގެ ޒިނެދީން ޒިދާން އިއްޔެ ކުއްލި ގޮތަކަށް އިސްތިއުފާ ދިނުމުން ކުލަބަށް އަންނަ ސީޒަނުގައި އިރުޝާދު ދިނުމަށް އާ ކޯޗަކު ހޯދުމަށް އިސް އޮފިޝަލުންނަށް ވަނީ މަޖުބޫރު ވެފައެވެ.

ވޯލްޑް ކަޕަށް ފަހު ކުޅުންތެރިން އެނބުރި ކުލަބަށް އަންނަން ވާއިރަށް މެނޭޖަރަކު ހޯދައި، އޭނާގެ އެސިސްޓެންޓުން ހޯދަން ރެއާލުގެ އިސް އޮފިޝަލުން މަސައްކަތް ފަށާފައިވާއިރު މެނޭޖަރުގެ މަގާމަށް ގެންނަން ކުލަބުން އެންމެ ބޭނުންވަނީ ޓޮޓެންހަމް ހޮޓްސްޕާސްގެ މެނޭޖަރު، މޯރިޝިއޯ ޕޮޗެޓީނޯ ކަމަށް ޚަބަރު ވަނީ ފެތުރިފައެވެ.

ޕޮޗެޓީނޯ ޓޮޓެންހަމާއެކު އާ އެއްބަސްވުމެއް ގައި ސޮއިކުރިތާ އަދި މަހެއްވެސް ނުވާއިރު ޕޮޗެޓީނޯ މިހާތަނަށް އެއްވެސް ފަހަރަކު ކުލަބު ދޫކޮށް ދާން ގަސްދުކުރާ ކަމަށް ނުވަތަ އެފަދަ މޭރުމަކުން އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ކުލަބުގައި ހުރެ ކާމިޔާބީއަށް ވާސިލުވުމަށް އެދޭ ކަމަށް އޭނާ ވަނީ ކުރިންވެސް ބުނެފައެވެ.

ނަމަވެސް ޔޫރަޕުގެ ޗެމްޕިއަނުންގެ ރައީސް ގުޅާލުމުން ޖަވާބެއް ނުދީ ނުވަތަ ނޫނެކޭ ބުނަން ޔޫރަޕުގެ އެއްވެސް ލީގެއްގެ އެއްވެސް ކޯޗަކަށް ފަސޭހަވުމަކީ ދުރު ކަމެކެވެ. ދެޓީމުން ވެސް އަދި މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައިނުވާއިރު ރެއާލުން ޕޮޗެޓީނޯ ހޯދަން މަސައްކަތް ކުރާ ކަމަށް ސްޕެއިންގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ޕޮޗެޓީނޯއާއެކު ޔުވެންޓަސްގެ އަލެގްރީ އަދި ދާދި ފަހުން އާސެނަލްގެ ކޯޗު ކަމުގެ މަގާމު ދޫކޮށްލި އާސެން ވެންގާވެސް އިސް ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ތިން އަހަރު ދުވަހު ރެއާލް ކޯޗު ކަމުގެ މަގާމުގައި ހުރުމަށްފަހު، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު އެޓީމަށް ކާމިޔާބު ކޮށްދިން ކޯޗު ޒިދާން އިއްޔެ ކުލަބު ދޫކޮށްދާން ގަސްދުކުރި ކަން އިއުލާން ކުރުމާއެކު މުޅި ފުޓުބޯޅައިގެ ދުނިޔެއަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. އޭނާގެ ކުރިމަގާ މެދު އަދި ބަހެއް ޒިދާން ބުނެފައިނުވާއިރު ރެއާލް ދޫކޮށްލީ މަޑުކޮށްގެން އޭނާއަށް އަދި ކުލަބަށް ވެސް ފައިދާއެއް ނުކުރާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ޒިދާން ބުންޏެވެ.