އެމްޑީޕީގެ ކޮންގްރެސް ޖޫން 29، 30 ދެ ދުވަހު ބާއްވަން އެޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.
އެމްޑީޕީގެ 163 ވަނަ ގައުމީ މަޖިލީހަށް އާދަޔާ ހިލާފު ކޮންގްރެސްއެއް ބޭއްވުމަށް ގަރާރެއް ހުށަހެޅުއްވީ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒެވެ. ނިޔާޒު ހުށަހެޅުއްވި ގަރާރަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ތާއީދުކުރެއްވުމުން ގަރާރު ފާސްވީ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 115 އެވެ. އަދި ކޯރަމަކީ 29 މެމްބަރުންނެވެ. ވޯޓު ދެއްވީ ހާޒިރުވި 32 މެމްބަރުންނެވެ.
ޖޫން މަހުގެ ފަހުކޮޅު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް މިހާރު ނިންމާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރައްވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބުދަ ދުވަހު ބޭއްވި ޕްރައިމަރީން ކަނޑައަޅާފައި ވަނިކޮށެވެ.