Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

"ރޭސް 3" ގައި އަނިލްގެ އަމިއްލަ ސްޓަންޓް

ފިލްމް "ރޭސް 3" ގައި އަނިލް ކަޕޫރު އޭނާގެ ސްޓަންޓް ތައް ޖައްސާފައިވަނީ އަމިއްލައަށް ކަމަށް ރެމޯ ޑިސޫޒާ ބުނެފިއެވެ.

ރޭސް ގެ ސިލްސިލާތަކުން އަބަދު ފެންނަ އަނިލް މިފަހަރު ފެނިފައިވަނީ ތަފާތު ރޯލަކުންނެވެ. ކުރީގެ ދެފިލްމްގައި ޖާސޫސެއްގެ މަޤާމުން ފެނިގެންދިޔަ އަނިލް މި ފަހަރު ފެނިގެންދާ ރޯލުގައި އޭނާ ޖައްސާ ހުރިހާ ސްޓަންޓެއް އަމިއްލައަށް ޖައްސާފައިވުން އެއީ ބެލުންތެރިން ފިލްމަށް އިތުރު ވެގެންދާނެ ސަބަބަކަށް ވެގެންދާނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަނިލްގެ ފުރަތަމަ ފެނިލުން ފިލްމްގައި ވަރަށް ޚާއްސަވާނެެއެވެ. ފިލްމްގެ ޑައިރެކްޓަރ ރެމޯ ޑިސޫޒާއާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ އަނިލް އާއެކު މަސައްކަތްކުރުމަކީ ރެމޯ ވަރަށް ބޭނުންވެފައި ހުންނަ ކަމަކަށެވެ. އޭނާއާއެކު އަބޫދާބީގައި ޝޫޓިންގ ކުރިޔަށް ގެންދެވުނު ފުރަތަމަ ދުވަހުވެސް އޭނާ އަށް ހައިރާންކަން ލިބިގެން ދިޔަކަމަށް ރެމޯ ބުނެފައިވެއެވެ.

ރެމޯ އިތުރަށް ބުނެފައިވަނީ ޝޫޓިންގ ގެ އެއްރޭ ކުރިން އަނިލް ގުޅާފައި ގަޑި ރަނގަޅަށް އޮޅުން ފިލުވާ ކަމަށެވެ. ގަޑިއަށް ހާޒިރުވެ ޝޫޓިންގ އަށް ލަސް ނުވުމަށް ވަރަށް ޚާއްސަ ސަމާލުކަމެއް އަނިލް ދޭކަމަށް ވެސް ރެމޯ ބުނެފައިވެއެވެ. އަދި ރެމޯ އަށް އެންމެ ކަމު ދިޔައީ ސެޓްގައި އަނިލް ގެންގުޅޭ ހަރަކާތްތެރިކަމާއި، ކަންތައް ކުރާހިތުން ފުރިހަމައަށް ކަންތައް ކުރުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

"ރޭސް 3" ގައި އަނިލް ކަޕޫރުގެ އިތުރުން ފެނިގެންދާ ސްޓާރުންގެ ތެރޭގައި ސަލްމާން ޚާން، ޖެކްލިން، ބޮބީ ޑިއޯލް، ޑެއިޒީ ޝާހް އަދި ސާޤިބް ސަލީމް ހިމެނެއެވެ. ޖޫން 15 ގައި މިފިލްމް ތިއޭޓަރު ތަކުގައި ދައްކަން ފަށަން ހުރިހާ ތައްޔާރީތަކެއް ވަނީ ކޮށްނިމިފައެވެ.