ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ތައުބީންގެ ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަހައްސައިފިއެވެ.
އިސްލާމީ މަރުކަޒުގައި މިރޭ 22:00 ގައި ބާއްވާ ތައުބީން ޖަލްސާއަކީ އެމަނިކުފާންގެ ގާތް ބޭފުޅުން އިންތިޒާމް ކުރާ ޖަލްސާއެކެވެ.
އަދާލަތު ޕާޓީގެ މީޑިއާ ކޯޑިނޭޓާ ޢަލީ ނަޒީރު ވިދާޅުވީ މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު އާންުމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. ވީހާވެސް ގިނަ ބަޔަކު ޖަލްސާގައި ބައިވެރިވުމަށް ޖަލްސާ އިންތިޒާމް ކުރާ ފަރާތުން އެދެއެވެ.
މިރޭގެ ތައުބީން ޖަލްސާގައި ޑރ އަބުދުލްމަޖީދު ޢަބުދުލް ބާރީއަށް ހެޔޮދުޢާ ކުރުމުގެ އިތުރުން ބައެއް ބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުގެ މަޤާމް ފުރުއްވާފައިވަނީ މަރްހޫމް ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ. ދީނީ ހޭލުންތެރިކަން ފެތުރެއްވުމާއި ދީނީ ދަރުސް ދެއްވުމަށް ގިނަ މަސައްކަތްތަކެއް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.
ޑރ އބުދުލްމަޖީދު ޢަބުދުލްބާރީ ކުއްލި އާލާސްކަންފުޅަކާއި ގުޅިގެން ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަވީ ހުސްވި މެއި މަހުގެ 22 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ މައްޗަށް ދެ ހަރަމްފުޅާއި ރާއްޖޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދުވެސް ކޮށްފައިވެއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 55 އަހަރެވެ.
ރާއްޖޭގައި ތަފްސީރު ޢިލްމުން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި ހަމައެކަނި ބޭފުޅަކީ ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ. ޑރ މަޖީދު ވަނީ އިސްލާމިކް މިނިސްޓަރުގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސްކަމާއި ގައުމީ ޔުނިވަސިޓީއާއި ބައެއް ކޮލެޖުތަކުގައި ލެކްޗަރާއެއްގެ މަގާމުވެސް ފުރުއްވާފަ އެވެ.