Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ގެއްލިގެން ހޯދަނީ

އުމުރުން 41 އަހަރުގެ ހާއްސަ އެހީތެރިކަމަށް ބޭނުންވާ އަންހެނަކު މާލެއިން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއްލިގެން އުޅެނީ ހ. ޝޭޑީ މީޑު ފާޠިމަތު ފަޒީލާ (41އ) އެވެ.

އޭނާ ގެއްލިގެން އާއިލާގެ ފަރާތުން އިއްޔެ މެންދުރުފަހު 14:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ފަޒީލާ އަކީ މީގެ 6 އަހަރު ކުރިން ފެށިގެން ނަފްސާނީ މައްސަލަ އަކާއި ގުޅިގެން ބޭސް ބޭނުން ކުރަމުން އަންނަ މީހެއް ކަމަށް އާއިލާއިން ބުނެއެވެ.

ފަޒީލާ އޭނާގެ ފަސްކުދިންނާއި ފިރިމީހާ އާއި އެކު ދިރިއުޅެނީ ހުޅުމާލޭގައި ކަމަށެވެ. އެހެން ނަމަވެސް ފަޒީލާ އިއްޔެ މާލެއަށް ދިޔަކަމަށާއި އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވާކަމަށެވެ. ފެރީ ޓިކެޓް ގަތްކަން އެނގިފައިވާ ކަމަށް ވެސް އާއިލާއިން ބުނެއެވެ. އެއަށްފަހު ވީނުވީއެއް ނޭނގިގެން ހޯދަމުންދާ ކަމަށްވެއެވެ.

ފަޒީލާ އާއި ބެހޭ އެއްްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަަމަ އެމައުލޫމާތެއް ފުލުހުންނާއި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އާއިލާއިންވެސް ވަނީ ފަޒީލާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެމައުލޫމާތެއް އާއިލާ އާއި ހިއްސާކޮށްދިނުމަށް އެދިފައެވެ.