Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އާދީއްތަ ދުވަހު ފްލެޓް ފޯމްތައް ބަލައިގަންނަން ފަށަނީ

ފްލެޓް ފޯމްތައް ދޫކުރުމުގެ ތެރެއިން- ފޮޓޯ: މިހާރު

ހިޔާ މަޝްރޫޢުގެ ދަށުން ބޯހިޔާވަހި ކަމަށް ހުޅުވާލި 7،000 ފްލެޓަށް އެދި ހުށަހަޅާ ފޯމުތައް އާދީއްތަ ދުވަހު ބަލައިގަންނަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަންނަ އާދީއްތަ ދުވަހު ހެނދުނު 10:30ން 1:30 އަށް އަދި ރޭގަނޑު 9:00ން 11:00 އަަށް ދަރުބާރުގެ އިން ފޯމު ބަލައިގަންނާނެ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ބޭރުގެ މިޝަންތަކުން ވެސް ފޯމު ބަލައިގަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އާދީއްތަ ދުވަހުން ފެށިގެން ޖުލައިމަހުގެ ނިޔަލަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިފަހަރު ކިޔޫގައި ނުޖެހި ކިޔުބީ މެދުވެރިކޮށް ޓޯކަންއ ނެގޭނެ އިންތިޒާމް ހަމަޖެއްސުމުން އޮންލައިންކޮށް ޓޯކަން ބެލުމަށްފަހު އެމީހެއްގެ ނަންބަރުގެ ކުރިޔަށް އޮތީ ކިތައް ނަމްބަރުކަން ޗެކް ކޮށްލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ރޯދަ މަސް ނިމުމުން ފޯމް ބަލައިގަންނަ ގަޑިއިތުރުވާނެ ކަމަށް ވެސް ވިދާޅުވެއެވެ.

ފޯމު ބަލައިގަތުމަށް ދަރުބާރުގޭގައި 21 ކައުންޓަރު ބަހައްޓާފައި ހުންނާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. ކަމަށެވެ. އަދި އެންމެ ބާރުބޮޑު 4 ކެޓަގަރީއަށް ހާއްސަކޮށްގެން ކޮންމެ ކެޓަގަރީއަކަށް ތިން ކައުންޓަރު ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ހިންގާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސާރވިސް މުވައްޒަފުންނަށް 1000 ފްލެޓް، އުމުރުން 18- 40 ދެމުދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓް، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތިހާލުގައި އުޅޭ ގޭބިސީތަކަށް ދޫކުރާ 256 ފްލެޓެވެ.