Last Updated: June 13, 13:15
Saturday, June 13, 2026
ޚަބަރު

"މަޖީދުގެ ލަފައަށް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހުއްޓާލި"

އަލްމަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ދެއްވި ދީނީ ލަފާފުޅަކާއި ގުޅިގެން އެމްޑީޕީގެ ވެރިކަމުގައި ރާއްޖެއަށް ބޭރުގެ ކުންފުންޏަކުން ހުށަހެޅި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ސަރުކާރުން ހުއްޓާލެއްވިކަމަށް ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް (އަސްލަންޓޭ) ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޑރ. މަޖީދުގެ ތައުބީންގެ ޖަލްސާގައި އަސްލަމް ވިދާޅުވީ އެ އިންވެސްޓްމަންޓާއި ގުޅިގެން ކެސީނޯ އެއް ހިންގަން ހުށައަޅާފައި ނުވި ނަމަވެސް މުޅި މަޝްޜޫއަށް ނަޒަރު ހިންގުމަށްފަހު އެ މަޝްރޫއުގެ ތެރެއިން މުސްތަޤްބަލުގައި ރާއްޖޭގައި ކެސީނޯ ހިންގުމަށް ފުރުސަތު އޮވެދާނެކަމަށް ވިސްނިވަޑައިގެން ޑރ. މަޖީދު ލަފާފުޅުދެއްވުމާއި ގުޅިގެން މަޝްރޫއު ސަރުކާރުން ހުއްޓާލިމަަށެވެ.

އަސްލަމް ވިދާޅުވީ އޭރުގެ ސަރުކާރުން ވަރަށް ޝައުގުވެރިވި އެމަޝްރޫޢުއާއި ގުޅޭ ގޮތުން ޑރ. މަޖީދު ދެއްވި ލަފާފުޅާއި އެކު ސަރުކާރުން އިތުރަށް އެއްވެސް މަޝްވަރާއެއް ކުރުމަކާއި ނުލައި އެކަން ހުއްޓަވާލެއްވިކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިން ބޭނުން ކުރަމުން އައި "ސަނީ ސައިދް އޮފް ލައިފް" ރީބްރޭންޑް ކުރުމަށް ސަރުކާރުން ނިންމައި އެކަމުގެ ކޮންސަލްޓެންޓަކާއި ހަވާލުކޮށްގެން ހުށަހެޅި"މޯލްޑިވްސް، މޭޑް އިން ނޭޗާ" ޝިއާރު ބޭނުން ނުކުރަން ނިންމެވީ ޑރ. މަޖީދު ދެއްވި ލަފާފުޅާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ޑރ. މަޖީދަކީ ދިނީ ސުވާލުތަކަށް ވަރަށް ފުރިހަމައަށް ޖަވާބު ދެއްވި ބޭފުޅެއްކަމަށާއި، އެމަނިކުފާނަކީ ވަރަށް ތަފާތު ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާންގެ ދީނީ އިރުޝާދުތައް އަބަދުވެސް އަޑުއެހިކަމަށެވެ.

ޑރ. މަޖީދު އަވަހަރާވެފައިވަނީ މޭއި މަހުގެ 22 ވަނަ ދުވަހު ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުންދަނިކޮށް ލަންކާއަށެވެ.